ޚަބަރު

ގައިންގަޔަށް އަރާ ބޮޑެތި ބަލިތައް ނައްތާލަން 14 ބިލިއަން ޑޮލަރު


ގައިންގަޔަށް އަރާ ނުރައްކާތެރި އަދި ބޮޑެތި ބަލިތައް ކަމުގައިވާ އެކުއަޔަރޑް އިމިއުނޯޑިފިޝެންސީ ސިންޑްރޯމް (އެއިޑްސް)އާއި ކެންސުންބަލި އަދި މެލޭރިޔާ ފެތުރުން ކޮންޓްރޯލް ކުރުމަށް 14.25 ބިލިޔަން ޑޮލަރު ދޭން އެހީދޭ ފަރާތްތަކުން އެއްބަސްވެއްޖެއެވެ. މި ބަލިތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ވިލަރެސް ކުރާ ގްލޯބަލް ފަންޑަށް އެ ފައިސާ ދޭން އެހީދޭ ފަރާތްތަކުން އެއްބަސްވެފައި ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ 77ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި އެހީދޭ ޤައުމުތަކާއި ޖަމުޢިއްޔާތަކާއި އަމިއްލަ ކުންފުނިތަކުގެ ބައްދަލުވުމެއްގައެވެ.

ގްލޯބަލް ފަންޑުގެ މައި އަމާޒަކީ، ގައިންގަޔަށް އަރާ ބޮޑެތި ބަލިތައް ކަމުގައިވާ އެއިޑްސްއާއި ކެއްސުންބަލި އަދި މެލޭރިޔާ 2030 ވަނަ އަހަރުގެ ކުރިން ނައްތައިލުމެވެ. އެ ފަންޑުގެ މަސައްކަތްތަކަށް 14 ބިލިޔަން ޑޮލަރުގެ އެހީ ދޭން ޤައުމުތަކުން އެއްބަސްވެފައި ވީ ނަމަވެސް، އެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް 18 ބިލިޔަން ޑޮލަރު ބޭނުންވާނެ ކަމަށް އެ ފަންޑުގެ އެގްޒެކެޓިވް ޑިރެކްޓަރ ޕީޓަރ ސޭންޑްސް ވިދާޅުވިއެވެ.

މީގެ ކުރީ އަހަރުތަކާ ޚިލާފަށް، ބައެއް ޤައުމުތަކުން އެ ފަންޑަށް އެހީދޭން މި އަހަރު ވަޢުދުވެފައެއް ނުވެއެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އިޓަލީ ވިލާތް ހިމެނެއެވެ. 2019 ވަނަ އަހަރު އެ ފަންޑަށް އެންމެ ގިނަ އަދަދަކަށް އެހީ ދީފައި ވަނީ އިނގިރޭސި ވިލާތުންނެވެ.

"މިއީ ބޮޑެތި އަދި ނުރައްކާތެރި ބަލިތައް ނައްތައިލުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް. އެހީދޭ އެންމެ ބޮޑު ދެ ޤައުމުގެ އެހީތެރިކަމާ ނުލައި ވެސް 14 ބިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެހީގެ ގޮތުގައި ލިބުމަކީ ކުރިއެރުމެއް،" ސޭންޑްސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު، ގައިންގަޔަށް އަރާ އެހެން ބަލިތައް ކޮންޓްރޯލް ކުރުމަށް އިތުރު ފައިސާ ބޭނުންވާނެ ކަމަށާއި، އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ގްލޯބަލް ފަންޑުން ބުނެއެވެ. އަދި، މި އަހަރުގެ ބައްދަލުވުމުގައި ލިބުނު އެހީގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 20 މިލިޔަނަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެ ފަންޑުން ބުނެއެވެ.

ގްލޯބަލް ފަންޑު އުފައްދާފައި ވަނީ 2002 ވަނަ އަހަރުއެވެ. އެ ފަންޑުގެ މައިގަނޑު މަޤްޞަދަކީ، ބޮޑެތި ބަލިތައް ކަމުގައިވާ އެއިޑްސްއާއި ކެންސުންބަލި އަދި މެލޭރިޔާ ނައްތައިލުމަށް ބޭނުންވާ ފައިސާ ހޯދުމެވެ. އެ ފައިސާ ހޯދަނީ އެހީދޭ ޤައުމުތަކާއި، ޖަމުޢިއްޔާ ޖަމާޢާތްތަކާއި، އަމިއްލަ ކުންފުނިތައް މެދުވެރުކޮށެވެ. މި ފަންޑުގެ ބައްދަލުވުންތައް ބާއްވަނީ ކޮންމެ ތިން އަހަރަކުން އެއް ފަހަރުއެވެ.