ޚަބަރު

ފުޓިން އދ.ގެ ޙުރުމަތް ކަނޑާލާފާވާކަމަށް ބައިޑަން ތުޙުމަތުކުރައްވައިފި


އ.ދ.ގެ ޗާޓަރާ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ޚިލާފުވެ، އ.ދ.ގެ ހުރުމަތް ކަނޑާފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން ޕުޓިންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. އ.ދ.ގެ ޢާންމު މަޖިލީހުގެ 77 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ބައިޑަން ވިދާޅުވީ ޔޫކްރެއިން ނައްތައިލަން ޕުޓިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

ސެޕްޓެންބަރު 21ގައި ޕުޓިން ވަނީ ރަޝިޔާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޔޫކްރެއިނަށް އަރައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައަށް އިތުރު ސިފައިން ފޮނުވަން އަމުރު ކުރައްވާފައެވެ. ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތު ދިފާޢު ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާގެ ފުރިހަމަ ބާރު ބޭނުން ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ. ފޮރުވިފައިވާ މާނައަކީ، ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރަން ފަސް ނުޖެހޭނެ ކަން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

"ޕުޓިން އެ ވަނީ އެއްވެސް ލަދުވެތިކަމެއް ނެތި އ.ދ.ގެ ޗާޓަރުގައި ކޮޅުފައިން ޖަހައި، އ.ދ.ގެ ހުރުމަތް ކަނޑާފައި. ނިއުކްލިޔަރ ހަނގުރާމައެއް ފަށައިފި ނަމަ އެއްވެސް ޤައުމަކަށް ކާމިޔާބީއެއް ނޯންނާނެ. ނިއުކްލިޔަރ ހަނގުރާމައެއް ފަށައިގެން ވެސް ނުވާނެ،" ޕުޓިންއަށް އިންޒާރު ދެއްވަމުން ބައިޑަން ވިދާޅުވިއެވެ.

ޕުޓިން އޭނާގެ ޤައުމާ މުޚާތަބު ކުރައްވާފައި މި ވަނީ، ޔޫކްރެއިނާ ވަކިވެ، ރަޝިޔާއާ ގުޅުމާ މެދު ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތަކުން ނިމްމައި، އެ ކަން އިޢުލާނު ކުރުމާ ގުޅިގެންނެވެ.

ވޯޓު ނެގުމަށް ނިންމާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޑޮންބާސް އެކުލެވިގެންވާ ޑޮނެޓްސްކްއާއި ލުހާންސް ހިމެނެއެވެ. އެއީ، ޔޫކްރެއިނުގެ އިރުމަތީގައިވާ ސަރަޙައްދުތަކެކެވެ. މީގެ އިތުރުން، އެ ޤައުމުގެ ދެކުނުގައިވާ ޚާރްކިވްއާއި ޒަޕޮރީޜިޔާގައި ވެސް މި ފަދަ ވޯޓެއް ނަގާނެއެވެ. ވޯޓުލުން ކުރިއަށް ދާނީ ސެޕްޓެންބަރު 23އިން 27އަށް ކަމަށް އެ ސަރަޙައްދުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ރަޝިޔާއިން ޢައްޔަން ކޮށްފައިވާ މީހުން ބުނެއެވެ.

"މާދަމާ ޕުޓިން ބުނެފާނެ ތިމަންނާ ޔޫކްރެއިނުގެ އިތުރުން ޕޮލެންޑުގެ ބައެއް ވެސް ބޭނުމޭ. ނުދީފިއްޔާ ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރާނަމޭ. މި ފަދަ ބިރުދެއްކުންތަކަށް ބަލަހައްޓައިގެން ނުތިބެވޭނެ،" ރަޝިޔާއަށް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރަން ނުކެރޭނެ ކަމަށް ވިދާޅުވެ ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ.

ޕުޓިންގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން، ރަޝިޔާގެ ރިޒަރވް ފައުޖުގެ 300,000 ސިފައިން ޔޫކްރެއިނަށް ފޮނުވުގެ މަސައްކަތް ފަށާފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވިއެވެ. މި ހަނގުރާމައިގައި މަރުވެފައިވާ ރަޝިޔާ ސިފައިންގެ އަދަދު 5,937 އަށް އަރާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.