ބުރޫނާއީ ދާރުއްސަލާމާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރާއްޖޭގެ ކުޅުންތެރިން މުޅި މެޗުގައި ޕްރެސް ކޮށްގެން ރަނގަޅަށް ކުޅުނު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
ބުރޫނާއީގެ ޓްރެކް އެންޑް ފީލްޑް ހަސަނަލް ބޮލްކިއާ ސްޕޯޓްސް ކޮމްޕްލެކްސްގައި ބުދަ ދުވަހު ކުޅުނު މި މެޗު ރާއްޖޭން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން މޮރިއޭރޯ ބުނީ މެޗާ ދޭތެރޭ ވަރަށް އުފާވާ ކަމަށާއި، އެގޮތުން މުޅި މެޗުގައި ކުޅުންތެރިން ޕްރެސް ކޮށްގެން ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި 3-0 ގެ ނަތީޖާއަކީ ރަނގަޅު ސްކޯއެއް ކަމަށާއި، މި ނަތީޖާގެ ހުރިހާ ކްރެޑިޓެއް ދަނީ ކުޅުންތެރިންނަށް ކަމަށްވެސް ބުންޏެވެ.
މޮރިއޭރޯ ބުނީ ދެން އޮތީ ރިކަވަރީ ކަމަށާއި، އެގޮތުން އެންމެ ރަނގަޅަށް ތަމްރީނު ނުކުރެވި އަދި ދެ ދުވަހުގެ ދަތުރުގެ ސަބަބުން ކުޅުންތެރިންނަށް ބައެއް މައްސަލަތައް ދިމާވެފައިވާ ކަމަށެވެ.
ބުދަ ދުވަހު ކުޅުނު މި މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އަށް ވަނީ ފުރުސަތު ދީފައެވެ. މިއީ އަހުއްކޮ ރާއްޖޭގެ ގައުމީ ސީނިއާ ސްކޮޑުގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.
މޮރިއޭރޯ ބުނީ ޒުވާން ބައެއް ކުޅުންތެރިންނާއެކު ގައުމީ ޓީމު މިހާރު ބަދަލުވެފައިވާ ކަމަށާއި، އަދި މިއީ ޓީމުގެ މުސްތަގުބަލު ކަމަށެވެ.
މި މެޗަށްފަހު ވާހަކައްދަކަމުން ބްރޫނާއީގެ ކޯޗު މަރިއޯ ރިވޭރާ ބުނީ މި މެޗުގައި އެ ޓީމުގެ ކުޅުންތެރިން ގިނަ ކަންކަން ރަނގަޅުކުރި ކަމަށާއި، އަދި ކުޅުންތެރިންގެ ވިސްނުމާއި ރޫހުވެސް ވަރަށް ރަނގަޅު ކަމަށެވެ. އަދި މެޗުގެ ކުޅުންތެރިން ކޮންމެވެސް ވަރަކަށް ރަނގަޅު ފުޓްބޯޅައެއް ކުޅުނު ކަމަށާއި، އެކަމަކު ޓީމުގެ ފިޓްނަހުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ބުދަ ދުވަހު ކުޅުނު މި މެޗުގައި ރާއްޖޭގެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި، ހަމްޒާ މުޙައްމަދު (ހަމްޕު) ގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ.
މިއީ ބުރޫނާއީ އަތުން ރާއްޖޭން ހޯދި ފުރަަތަމަ މޮޅެވެ. އެގޮތުން މީގެ ކުރިން ބުރޫނާއީއާ ދެކޮޅަށް ރާއްޖޭން ކުޅެފައިވަނީ 2003 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގެ މެޗެއްގައެވެ. މާލޭގައި ކުޅުނު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ބުރުނާއީ މި ވަގުތު ދުނިޔޭގެ ރޭންކިންގެ 190 ވަނައިގައި އޮތްއިރު، ރާއްޖެ އޮތީ 156 ވަނައިގައެވެ.
ބުރޫނާއީގައި ރާއްޖެއިން އެކުވެރިކަމުގެ ދެ މެޗު ކުޅޭއިރު، އެކުވެރިކަމުގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ ނުކުންނާނީ ލާއޮސްއާ ދެކޮޅަށެވެ.