ޚަބަރު

ނިއުކްލިޔަރ އެއްބަސްވުން އުވާނުލާނެކަމުގެ ޔަގީންކަން އެމެރިކާއިން ދޭންޖެހޭނެ: ރައީސީ


އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމާއި ހުޅަނގުގެ ބާރުތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމަށް އަލުން ރުޖޫޢަވެވޭނީ، އެއްބަސްވުމަށް އެމެރިކާއިން އިހުތިރާމު ކުރާނެ ކަމުގެ ޔަޤީން ކަން ދިނުމުން ކަމުގައި އީރާނުގެ ރައީސް އިބްރާހިމީ ރައީސީ ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ އ.ދ.ގެ ޢާންމު މަޖިލީހުގެ 77 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ރައީސީ ވިދާޅުވީ އެއްބަސްވުން އުވައިނުލާނެ ކަމުގެ ޔަގީން ކަން އެމެރިކާއިން ދޭން ޖެހޭނެ ކަމުގައެވެ.

2015 ވަނަ އަހަރު އީރާނާއި ހުޅަނގުގެ ބާރުތަކާ ދެމެދު ހަދާފައިވާ އެއްބަސްވުން ރޫޅައިލާފައި ވަނީ 2018 ވަނަ އަހަރުއެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައެވެ. އީރާނުގެ ޤުދުސް ފޯސްގެ އިސް ކޮމާންޑަރު ކަމުގައިވާ ޤާސިމް ސުލައިމާނީ މަރައިލުމުގެ ފަހަތުގައި ހުންނެވީ ޓްރަމްޕު ކަމުގައި ރައީސީ ތުހުމަތު ކުރައްވައެވެ. އަދި، އޭނާގެ މަރުގެ މައްސަލައިގައި ޓްރަމްޕު އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމުގައި ރައީސީ ވިދާޅުވިއެވެ. ސުލައިމާނީ މަރައިލާފައި ވަނީ 2020 ވަނަ އަހަރު އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ.

"އެމެރިކާއިން މީގެ ކުރިން ހަދާފައި އޮތް އެއްބަސްވުން ރޫޅައިލުމަށް ނިންމި ނިންމުމުގެ ހިތި ތަޖުރިބާ ކުރެވިއްޖެ. އެ ތަޖުރިބާއާ މެދު ވިސްނައިނުލައި، އެ ތަޖުރިބާގެ އަލީގައި މެނުވީ، އަލުން އެއްބަސްވުމަށް ރުޖޫޢަވާން ޤަބޫލުވެވޭނެތަ؟،" ރައީސީ ސުވާލު ކުރެއްވިއެވެ.

ރައީސީ ވަނީ، އިންސާނީ ހައްޤުތަކުގެ މައްސަލައިގައި އެމެރިކާއިން ގެންގުޅެނީ ދެފުށްދެގޮތް ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ، ހެދުން އެޅުމާ ގުޅޭ މައްސަލައެއްގައި އީރާނުގައި ހައްޔަރު ކުރި 22 އަހަރުގެ މަޙްސާ އަމީނީ މަރުވި ހާދިސާއާ ގުޅިގެން އެމެރިކާއިން އީރާނަށް އަމާޒު ކޮށްފައިވާ ފާޑުކިޔުންތަކަށެވެ.

އަމީނީގެ މަރާ ގުޅިގެން އީރާނުގެ ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ވެރިރަށް ތެހެރާނުގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައެވެ. އަދި، އީރާނުގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ފިކުރުތަކަށް ފާޑުކިޔަން ފަށާފައެވެ. "އިންސާނީ ހައްޤުތަކޭ ކިޔައިގެން ބައެއް ޤައުމުތަކުން ގެންގުޅޭ ދެފުށްދެގޮތް އަދި މުނާފިގު ސިޔާސަތުތައް އީރާނުން ބަލައެއް ނުގަންނާނެ. އެއް ފަރާތަކަށް ބުރަވާ ނަމަ، އިންސާފު ޤާއިމެއް ނުކުރެވޭނެ. ހަމަހަމަކަން ޤާއިމެއް ނުކުރެވޭނެ،" އެމެރިކާއާއި ހުޅަނގުން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ރައީސީ ވިދާޅުވިއެވެ.

އޭނާ އިޝާރާތް ކުރައްވާފައި ވަނީ، ޒަމާންތަކެއް ކުރިން ކެނެޑާގައި މަރައިލާފައި ވަޅުލާފައިވާ ގިނަ އަދަދެއްގެ ބަޔެއްގެ ކަށްވަޅުތަކެއް ފެނުނު ހާދިސާއަށެވެ. އަދި، ޔަހޫދީ އިސްރާޢީލުގެ އަތްދަށުގައި ފަލަސްޠީނުގެ ކުށެއް ނެތް ރައްޔިތުންނަށް ޖައްސަމުންދާ ބިކަ ހާލާއި، އަޅަމުންދާ ކެކުޅުމަށެވެ. އަދި، އެމެރިކާއަށް ހިޖުރަކުރާ މީހުންނާއި އެ މީހުންގެ ދަރިންނަށް އެމެރިކާއިން ޖައްސަމުންދާ ބިކަ ހާލަށެވެ.