ކުޅިވަރު

އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ރާއްޖޭން ބުރޫނާއީ ބަލިކޮށްފި


ރާއްޖޭން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ބުރޫނާއީ ދާރުއްސަލާމް ބަލިކޮށްފިއެވެ.

ބުދަ ދުވަހު ކުޅުނު މި މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އަށް ވަނީ ފުރުސަތު ދީފައެވެ. މިއީ އަހުއްކޮ ރާއްޖޭގެ ގައުމީ ސީނިއާ ސްކޮޑުގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާއަކާ ގުޅިގެން އަހުއްކޮ ވަނީ ބާލާފައެވެ.

ބުރޫނާއީގެ ޓްރެކް އެންޑް ފީލްޑް ހަސަނަލް ބޮލްކިއާ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުޅުނު މި މެޗު ރާއްޖޭން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ރާއްޖެއިން ވަނީ ބުރުނާއީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ރާއްޖޭގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ރާއްޖޭން ލީޑު ނެގީ 35 ވަނަ މިނެޓުގައެވެ. އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ) ދިން ބޯޅައަކުން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. މީގެ އިތުރުންވެސް ރާއްޖެއަށް ވަނީ ފުރަތަމަ ހާފުގައި އިތުރު ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ރާއްޖެއިން ވަނީ ބުރުނާއީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މި ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ހަމްޕު ވަނީ ރާއްޖެއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގައި ރާއްޖެއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ. މިއީ ހަންނަ ރާއްޖޭގެ ސީނިއާ ގައުމީ ޓީމަށް ޖަހައިދިން ދެވަނަ ލަނޑެވެ.

މިއީ ބުރޫނާއީ އަތުން ރާއްޖޭން ހޯދި ފުރަަތަމަ މޮޅެވެ. އެގޮތުން މީގެ ކުރިން ބުރޫނާއީއާ ދެކޮޅަށް ރާއްޖޭން ކުޅެފައިވަނީ 2003 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގެ މެޗެއްގައެވެ. މާލޭގައި ކުޅުނު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ބުރުނާއީ މި ވަގުތު ދުނިޔޭގެ ރޭންކިންގެ 190 ވަނައިގައި އޮތްއިރު، ރާއްޖެ އޮތީ 156 ވަނައިގައެވެ.

ބުރޫނާއީގައި ރާއްޖެއިން އެކުވެރިކަމުގެ ދެ މެޗު ކުޅޭއިރު، އެކުވެރިކަމުގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ ނުކުންނާނީ ލާއޮސްއާ ދެކޮޅަށެވެ.