ރާއްޖެގޭ ފަރުތަކުގައި ޖަހާފައިވާ 12 މޭލުގެ ދުރަށް އަލިފޮނުވާދޭ ބައްތިތައް ރަނގަޅުކޮށް ޓަވަރުތައް އަލުން ގާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުދަތުރާއި ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބައިނަލްއަގުވާމީ ކަނޑުދަތުރާއި ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖެގޭ ފަރުތަކުގައި ޖަހާފައިވާ 12 މޭލުގެ ދުރަށް އަލިފޮނުވާދޭ ބައްތިތައް ރަނގަޅުކޮށް ޓަވަރުތައް އަލުން ގާއިމްކުރުމަށްޓަކައި އެކުވެރި ދައުލަތްތަކާއި ޑޯނަރ އެޖެންސީތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ކުރިޔަށްއޮތް ދުވަސްތަކުގައި މިކަމަށް ބަޖެޓު ހަމަޖެހި، ރާއްޖޭގެ ފަރުތަކުގައި ބައްތިތައް ޖެހުމުގެ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން ރޭގަނޑު ދަތުރުކުރާ ދަތުރުވެރިންނަށް ރައްކާތެރި ކަމާއެކު މަންޒިލަށް ދިއުމަށް އިތުރު ފަސޭހަތަކެއްލިބޭނެ" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރ ނަހުލާވަނީ މާލޭ ޕޯޓް ލިމިޓް އޭރިޔާގައި ފަރުތަކާއި ގިރިތައް 2019 އަހަރު މާކު ކުރުމަށްޓަކައި 11 ސަރަހައްދެއްގައި ފަރުބައްތި ޖަހައި އާގު ބޯޓުފަހަރަށް ފަސޭހައިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މާހައުލެއް މިސަރަހައްދުގައި ގާއިމްކޮށްދެވިފައިވާކަން ފާހަގަކުރައްވާފައެވެ.
"އާގު ބޯޓުފަހަރު ވަދެ ނުކުމެ ހަދާ މާލެ އަތޮޅު މާގިރި (ބޮޑުކަޅި) ސަރަހައްދުގައި 12 މީޓަރު އުސް ޓަވަރެއް ގާއިމްކޮށް 12 މޭލުގެ ނެވިގޭޝަން ލައިޓް ހަރުކޮށް އޭއައި.އެސްގެ ހިދުމަތާއެކު ބޭނުންކުރަން ވަނީ ޑިސެމްބަރު 2019 ވަނަ އަހަރު ފަށާފައި. މިކަމަކީ ކޯސްޓަލް ސްޓޭޓެއްގެ ހައިސިއްޔަތުން ކުރަން ލާޒިމްކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްވެސްމެ" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި ގާއިމްކޮށްފައިވާ ބަނދަރުތަކުގައި ނުދިއްލި ހުރި ނެރުބައްތިތައް އައުކޮށް، ހުރިހާ ރަށަކަށް ނެރުބައްތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް 2019 ވަނަ އަހަރު ފަށައި ނެރުބައްތި ބޭނުންވާ ހުރިހާ ރަށަކަށް ބައްތިތައް ވަނީ ފޯރުކޮށްދެވިފައިވާކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ބައްތިތައް ބޭނުންވާ ހުރިހާ ރަށަކަށް މިހާރުގެންދަނީ ކޮންމެ އަހަރަކުވެސް ބައްތި ފޯރުކޮށްދެމުންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެެވެ.