ޚަބަރު

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދަނީ


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ދިރާސާކުރަމުން އަންނަ މި ބިލު އާންމުންގެ ޚިޔާލަށް ހުޅުވާލާފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00އާއި ހަމައަށެވެ.

މިއަހަރުގެ ޖޫން މަހު ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށައެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. މި ބިލަކީ ރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ހުށައެޅި ބިލެކެވެ.

މި ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ޤާނޫނު ތަންފީޒްކުރުމުގެ ގޮތުން ކެމިކަލް ވެޕަންސް ޔުނިޓްގެ ނަމުގައި ޔުނިޓެއް އުފައްދަންޖެހެއެވެ. އެ މި ޔުނިޓްގެ ބާރުތަކުގެ ތެރޭގައި ގާނޫނާ ހިލާފަށް އެތެރެކޮށް ނުވަތަ ބޭނުންކުރަމުންދާ ތަކެތި ބޭނުންކުރުން މަނާކުރުމާއި، އެ ތަކެތި ނައްތާލުމަށް އެންގުމާއި ނައްތާލުން ހިމެނެއެވެ. އަދި މި ޤާނޫނުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކޮށްފައިވާ ލައިސަންސާ އެއްގޮތްވާ ގޮތުގެ މަތިންމެނުވީ، ކެމިކަލް އުފެއްދުން ނުވަތަ ހޯދުން ނުވަތަ ބެހެއްޓުން ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި ބަދަލުކުރުން ނުވަތަ ބޭނުންކުރުމަކީ މަނާކަމެކެވެ.

މީގެ އިތުރުން މި ބިލުގައި ކެމިކަލް ލައިސަންސް ދޫކުރުމާއި، ތަނެއް ބަލައި ފާސްކުރެވޭނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި ތަނެއް ބަލައި ފާސްކުރުމަށް ކޯޓު ޢަމުރު ނެރޭނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. މި ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ކެމިކަލް ހަތިޔާރު ތަރައްގީކުރުން ނުވަތަ އުފެއްދުމަކީ ކުށެކެވެ. އެފަދަ ކުށެއް ކޮށްފިނަމަ ކުށުގެ ބޮޑުކުޑަމިނަށް ބަލައި ފަސް ލައްކަ ރުފިޔާއިން ފެށިގެން އެއްމިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން ނުވަތަ 5 އަހަރު ދުވަހާއި 20 އަހަރު ދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.