މެރިޓައިމް ނުވަތަ ކަނޑުދަތުރުފަތުރު ކުރުމުގެ ސިނާއަތަކީ ތިމާވެއްޓާއި ރަށްޓެހި ސިނާއަތަކަށް ހަދަންޖެހޭކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރު ކުރުމުގެ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ދުނިޔެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް ހައްލު ހޯދުމުގައި މެރިޓައިމް ސިނާއަތް ތިމާވެއްޓާއި ރަށްޓެހި ސިނާއަތަކަށް ހަދަންޖެހޭކަމަށެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ތިމާވެއްޓާއި ރަށްޓެހި ސިނާއަތަކަށް މެރިޓައިމް ސިނާއަތް ހެދުމަށް ދަތިތަކެއް ހުރިނަމަވެސް، އެ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.
"މިދާއިރާއަކީ މިހާތަނަށް އައިއިރު ވަރަށް ރިލަކްޓަންޓް ދާއިރާއެއް ގްރީން ޓެކްނޮލޮޖީއާ ދިމާލަށް ދާން. ވެދާނެ އުނދަގޫވީމަކަމަށްވެސް ފަހަރެއްގައި. އެހެންނަމަވެސް ދުނިޔެއަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ހައްލުކުރުމުގައި މެރިންޓައިމް ސެކްޓަރ އެބަޖެހޭ ގްރީނާރ ސެކްޓަރއަކަށްވާން. އެމަސައްކަތް ކުރަންޖެހޭ. އަޅުގަނޑަށް އެނގޭ އަދިއެއް ނެތްކަން އެ ޓެކްނޮލޮޖީ އެންމެ ފުރިހަމަ ގޮތުގައި. އެހެންނަމަވެސް އެކަމަށް މަސައްކަތް ކުރަންޖެހޭ" މިނިސްްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ދިވެހިރާއްޖޭއަކީ މެރިޓައިމް ސިނާއަތް ކުރިއެރުވޭނެ ގައުމެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ސިނާއަތަކަށް ހެދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް މިނިސްްޓަރ ވިދާޅުވިއެވެ.
"ކުރިން މިއީ ވަރުގަދަ ސިނާއަތެއް ރާއްޖޭގައި. ވަކި ހިސާބަކަށް ވަޅު ޖަހާލާފައި މިހާރު އެބަ ހީވޭ ކުރިއަރައިދާހެން. މި ސިނާއަތް ކުރިއެރުވޭނެ. މިއީ ގައުމުގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް އޮތް ސިނާއަތަކަށް ހެދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް." މިނިސްްޓަރ ވިދާޅުވިއެވެ.
މިނިސްްޓަރ އަސްލަމްގެ ވާހަކަފުޅުގައި ވަނީ ދިވެހިންނަކީ މެރިޓައިމް ދާއިރާއަށް ފަރިތަ ބަޔަކަށްވާންޖެހޭނެކަން ފާހަގަކުރައްވައި، ފޮތްތަކުން ކަންކަން ކިޔައިދިނުމުގެ ބަދަލުގައި އަމަލީގޮތުން އެ ދާއިރާގެ ތަޖުރިބާ ދަރިވަރުންނާއި ޒުވާނުންނަށް ހޯދައިދިނުން މުހިއްމުކަމަށް ވިދާޅުވެފައެވެ. އަދި ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރ އަސްލަމްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެެވެ.