ކުޅިވަރު

އަންހެން ޓީމަށް ޖާޒީ ހަވާލުކޮށްދެއްވައި ނައިބު ރައީސް ހިތްވަރުދެއްވައިފި


ސަރަހައްދީ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން މުބާރާތުގައި ބޭނުންކުރާނޭ ރަސްމީ ޖާޒީ ހަވާލުކުރައްވައި، ނައިބު ރައީސް ފައިސަލް ނަސީމް ޓީމަށް ހިތްވަރުދެއްވައިފިއެވެ.

މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަނީ މި މަހުގެ 24 އިން 30 ގެ ނިޔަލަށެވެ. ސަރަހައްދީ ގައުމުތަކުން ވާދަކުރާ މި މުބާރާތް ކުރިޔަށްދާނީ ރައުންޑް ރޮބިން އުސޫލުންނެވެ. މިއީ ސަރަހައްދީ ފެންވަރުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަންހެން ބައިނަލްއަޤްވާމީ މުބާރާތެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ނައިބުރައީސް ވަނީ މި މުބާރާތުގައި ދިވެހި ޓީމުން ބޭނުންކުރާނެ ރަތްކުލައިގެ ޖާރޒީ ކޮންމެ ކުޅުންތެރިއަކަށް ވަކިވަކިން ހަވާލުކޮށްފައެވެ. މީގެއިތުރުން އެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ނައިބު ރައީސް ވަނީ ޓީމަށް ހިތްވަރުދެއްވާފައެވެ.

ޓީމަށް ހިތްވަރު ދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އެ ކުޅުންތެރިން ކުރާ ގައުމީ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ. އަދި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމަށާއި އަތޮޅުތެރެއާއި މާލޭގައި ވެސް ކުޅިވަރު ވަސީލަތްތައް ގާއިމުކުރަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އުއްމީދަކީ މި މުބާރާތުން ދިވެހި ޓީމަށް ރީތި ނަމެއް ލިބިގެންދިއުން ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ އުއްމީދަކީ ވީހާވެސް ގިނަ ސަޕޯޓަރުން ގައުމީ ޓީމަށް ތަރުހީބުދީ ޓީމަށް އިތުރު ހިތްވަރެއް ލިބި ކާމިޔާބީ ލިބުން ކަމަށްވެސް ވިދާޅުވިއެވެ.

ޓީމަށް ހިތްވަރުދެއްވަން ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރުއަދާކުރައްވާ ވާހަކަދައްކަމުން ޓީމުގެ ސީނިއާ އެއް ކުޅުންތެރިޔާ އާމިނަތު ޝިއުރާ އަބްދުލްބާރީ ބުނީ ނައިބުރައީސް ކުޅުންތެރިންނާ ބައްދަލުކުރެއްވުމަކީ މުޅި ޓީމަށްވެސް ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށާއި އަމާޒަކީ މީގެކުރިން ރާއްޖެއަށް ނުލިބޭ ކުލައެއްގެ މެޑަލް ހޯދުން ކަމަށެވެ.