ޚަބަރު

ފަލަސްޠީނުގެ އުމުރުން 53 އަހަރުގެ މީހަކު ޝަހީދުކޮށްލައިފި

އަޅުވެތި ކޮށްފައިވާ ހުޅަނގު އައްސޭރީގެ ރަށެއް ކަމުގައިވާ ނާބުލުސްއަށް ޔަހޫދީ އިސްރާޢީލުގެ ސިފައިން އަރައި ހިންގި އުދުވާންތަކެއްގައި ފަލަސްޠީނުގެ އުމުރުން 53 އަހަރު މީހަކު ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ސިފައިންގެ އުދުވާނުގައި ޝަހީދުވެފައި ވަނީ ފިރާސް ޔައިޝް ކިޔާ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އެ ކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ވަނީ، އެ މީހުން ނާބުލުސްއަށް އަރައި އޮޕަރޭޝަނެއް ހިންގަމުން ދިޔަ ވަގުތު، އެ ސަރަޙައްދުގައި ހުރި މީހަކު މަރުވެފައިވާ ކަމަށް ބުނެފައެވެ. އޭނާ މަރުވީ ކޮން ސަބަބަކާ ގުޅިގެން ކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި، ނަމަވެސް، އޭނާ މަރުވި ވަގުތު އެ ހިސާބުގައި ޔަހޫދީ ސިފައިންގެ އެއްވެސް މީހަކު ނެތް ކަމުގައި ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާނަކު ބުންޏެވެ.

ޔަހޫދީ އިސްރާޢީލުގެ ސިފައިން ނާބުލުސްއަށް އަރާފައި ވަނީ ހަމާސް ޖަމާޢަތުގެ އިސް މީހަކު ހައްޔަރު ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، ފަލަސްޠީނުގެ ޒުވާނުން ވަނީ ޔަހޫދީ ސިފައިންނާ ކުރިމަތިލާފައެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި ބޮޑު ހަމަނުޖެހުންތަކެއް ހިނގިއެވެ. ފަލަސްޠީނުގެ ޒުވާނުން ހުއްޓުވުމަށް ޔަހޫދީ ސިފައިން ވަނީ ހަތިޔާރުގެ ބޭނުން ކޮށްފައެވެ.

ހަމާސް ޖަމާޢަތުން ބުނީ ޔަހޫދީ ސިފައިން ނާބުލުސްއަށް އަރައި، އެ ޖަމާޢަތުގެ ދެ މެންބަރުން ކަމުގައިވާ 30 އަހަރުގެ މުޞާބް ޝްތައްޔާއާއި އަމީދު ތުބައިލާ ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އަދި، އެ އަމަލު ކުށްވެރިކޮށް، އެ މީހުން މިނިވަން ކުރުމަށް ގޮވައިލާފައެވެ. އަދި، ޔަހޫދީ އިސްރާޢީލުގެ ސިފައިން މި ފަދަ އަމަލުތައް ހިންގަނީ ފަލަސްޠީނުގެ ސަރުކާރާ ގުޅިގެން ކަމަށް ތުހުމަތުކޮށް، ވެރިކަން ކުރާ ފަތަހަ ޖަމާޢަތަށް ފާޑުކިޔުންތައް އަމާޒު ކޮށްފައެވެ.

ޔަހޫދީން އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގައި ވެރިކަން ކުރަނީ ފަތަހަ ޖަމާޢަތުންނެވެ. އަދި، އެ ތަނުގެ ސަލާމަތާއި އަމަން ބެލެހެއްޓުމުގައި ޔަހޫދީ އިސްރާޢީލުގެ އެހީތެރިކަން އެ ޖަމާޢަތުން ހޯދައެވެ. ހަމާސްގެ ކޮންޓްރޯލްގެ ދަށުގައި އޮތީ ޣައްޒާއެވެ. ދެ ޖަމާޢަތުގެ ދެމެދުގައި ޞުލްޙަ ޤާއިމު ކުރުމަށް ކޮށްފައިވާ އެންމެހައި މަސައްކަތްތައް މިހާތަނަށް ވަނީ ނާކާމިޔާބު ވެފައެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ޔަހޫދީ އިސްރާޢީލުގެ ސިފައިން ހުޅަނގު އައްސޭރިއަށް އަރައި ހިންގާ އުދުވާންތަކުގެ އަދަދު ވަނީ އިތުރު ކޮށްފައެވެ. އަދި، މިފަދަ އުދުވާންތަކާ އެކު ފަލަސްޠީނުގެ ޒުވާނުންނާ މެދު ކުރިމަތިލުންތައް ހިނގައެވެ. އަދި، މި އުދުވާންތަކުގައި ގިނަ އަދަދެއްގެ މުސްލިމުން ވަނީ ޝަހީދު ކޮށްލާފައެވެ.