ކުޅިވަރު

ފުވައްމުލަކު ހިތްގައިމު ތުނޑިން ގައްބެއަށް ޤައުމީ މަރުހަބާއެއް


ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރުޖެހުމަށް ދަތުރު ފަށާފައިވާ އަބުދުލްޣަފޫރު އަލީ، ގައްބެއަށް ފުވައްމުލަކު ހިތްގައިމު ތުނޑިން ޤައުމީ ފެންވަރުގެ މަރުހަބާއެއް ކިޔައިފިއެވެ. މިއަދު މެންދުރުފަހު 3:30 ހާއިރު ގައްބެ ފުވައްމުލަކު ތުނޑިއަށް ކައިރިކުރިއިރު ފުވައްމުލަކުގެ އެކިއުމުރުގެ މީހުން އޭނާއަށް މަރުހަބާކިއުމަށް ތުނޑިއަށް އައިސްތިއްބެވެ. އަދި މުޅި ތުނޑިވެސް އޮތީ ޤައުމީ ދިދައިން ޒީނަތްތެރިކޮށްފައެވެ. ގައްބެއަށް މަރުހަބާކިޔައި ގިނަ ބަޔަކު ވަނީ ތާރީޚީ ދަތުރުމަތީގައިވާ ގައްބެއާއެކު ފޮޓީ ނަގާފައެވެ.އަބުދުލްޣަފޫރު އަލީ ފުވައްމުލަކަށް ދިޔައީ ރޭ ގދ.ވާދޫގައި މަޑުކުރުމަށްފަހު މިއަދު ހެނދުނު ފުރައިގެންނެވެ. މިއަދު ހަވީރާއި، މިރޭ ފުވައްމުލަކުގައި މަޑުކުރުމަށްފަހު މާދަމާ ގައްބެ ދާނީ އައްޑޫ ސިޓީއަށެވެ. އައްޑޫ ސިޓީވެސް އަންނަނީ ގައްބެއަށް މަރުހަބާކިޔުމަށް ތައްޔާރުވަމުންނެވެ.މިއީ ވިޒިޓް މޯލްޑިވްސް އިޔަރ 2016އާއިވެސް ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައިވެސް ހިމެނޭ އިވެންޓެކެވެ.