ރޯމާގެ ކުޅުންތެރިން މެޗުތަކުގައި މަކަރުހަދަން ޖެހޭ ކަމަށާއި އެހެން ޓީމުތަކެކޭ އެއްގޮތަށް އެ ޓީމުގެ ކުޅުންތެރިންވެސް އުޅެންޖެހޭ ކަމަށް ބުނެ ކޯޗު ހޯސޭ މޮރީނިއޯ ރެފުރީންނަށް ފާޑުކިޔައިފިއެވެ.
މޮރީނިއޯ މިގޮތަށް ފާޑުކިޔާފައިވަނީ އިޓާލިއަން ލީގުގައި ރޯމާ އަތުން 1-0 ގެ ނަތީޖާއަކުން އެޓަލަންޓާ ބަލިވި މެޗަށްފަހު ވާހަކަދައްކަމުންނެވެ. މި މެޗުގައި ކޯޗު މޮރީނިއޯ ގެ ހިތްހަމަނުޖެހުން އަމާޒުވީ މެޗުތެރެއިން އޭނާއަށް ރަތްކާޑު ދައްކާ ބެންޗުން ފޮނުވާލުމުންނެވެ.
މެޗުގެ ތެރެއިން ރޯމާގެ ނިކޯލަ ޒަނިއޯލޯ އަށް ކުރި ފައުލަކަށް ޕެނަލްޓީ ނުދިނުމާއެކު މޮރީނިއޯ ވަނީ ބެންޗުގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެއާއެކު ދެން ފެނިގެންދިޔައީ ރެފްރީ އޭނާ ބެންޗުން ފޮނުވާލި ތަނެވެ.
މެޗަށްފަހު ވާހަކަދައްކަމުން މޮރީނިއޯ ބުނީ އެއީ ޕެނަލްޓީއެއް ކަމަށާއި ރެފްރީ ގާތު ޕެނަލްޓީ ނުލިބުނީ ކީއްވެތޯ އެހުމުން އެއީ ޒަނިއޯލޯ އޭރިއާ ތެރެއަށް ނުވެއްޓޭތީ ކަމަށް ބުނި ކަމަށެވެ. ޒަނިއޯލޯ ވަނީ ފައުލުކުރި ކަމަށް ބުނި ހިސާބުން ތެދުވެ ކުޅުމުގައި ބައިވެރިވާށެވެ. މޮރީނިއޯ ވަނީ އެކަމަށް ވެސް ފާޑުކިޔާފައެވެ.
މޮރީނިއޯ ބުނީ ރެފްރީގެ ނިންމުމާއެކު ރޯމާގެ ކުޅުންތެރިންނަށް އިރުޝާދު ދޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށާއި ދެން ބުނީ ލީގުގައި ވާދަކުރާ އެހެން ޓީމުތަކުގެ ކުޅުންތެރިން ވެސް ސްވިމިން ޕޫލަކަށް ފުންމާލާ ގޮތަށް އެ ޓީމުގެ އެހެން ކުޅުންތެރިންވެސް އޭރިއާ ތެރެއަށް ވެއްޓުމަށް ކަމަށެވެ. އަދި ޕެނަލްޓީ ލިބެނީ އެގޮތަށް އުޅުމުން ކަމަށްވެސް މޮރީނިއޯ ބުންޏެވެ.
މެޗުގެ ކުރިން މޮރީނިއޯއަށް ލިބުނު އެންމެ ބޮޑު ބޮލުގެ ރިހުމަކީ އެ ޓީމާ ދާދިފަހުން ގުޅުނު އާޖެންޓީނާގެ ތަރި ޕައޮލޯ ޑިބާލާއަށް އަނިޔާވުމެވެ. އޭނާއަށް އަނިޔާވީ މި މެޗުގެ ކުރިން ބޭއްވި ވޯމްއަޕްގެ ތެރެއިންނެވެ. މެޗަށްފަހު މޮރީނިއޯ ބުނީ ޑިބާލާ ނެތް ނަމަވެސް އެ ޓީމަށް މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ކަމަށާއި ޑިބާލާ ނެތްތަން މި މެޗުގައި ނުފެނުނު ނަމަވެސް އޭނާ ހުރި ނަމަ އެ ޓީމުގެ ހަމަލާތަށް އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
އިޓާލިއަން ލީގުގައި ރޯމާ މިވަގުތު އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ. އެއްވަނައިގައި ނާޕޮލީ އޮތްއިރު ދެވަނައިގައި އޮތީ އެޓަލަންޓާ އެވެ. އަދި ތިންވަނައިގައި އުދިނޭސީ އޮތްއިރު ހަތަރުވަނައިގައި އޮތީ ލާޒިއޯ އެވެ.