ކުޅިވަރު

މުބާރާތުގެ ފެންވަރު ރަނގަޅުވާނެ، މިއީ އަންހެން ބާސްކެޓަށް ބޮޑު ފުރުސަތެއް: އެޑަމް


ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ގެ އަންހެން މުބާރާތުގެ ފެންވަރު ރަނގަޅުވާނެ ކަމަށާއި މިއީ ރާއްޖޭގެ އަންހެން ބާސްކެޓުބޯޅަ އާއި ދިވެހި އޮފިޝަލުންނަށްވެސް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަޙްމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މި މަހުގެ 24 ގައި ފަށާ ސަރަހައްދީ އެންމެ ބޮޑު ބާސްކެޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓް ޓީމުން ވަނީ މިދިޔަ އޯގަސްޓް މަހުގެ 17 އިން 31 އަށް އިންޑިއާގެ ބެންގަލޫރުގެ މަޝްހޫރު ހައި ޕާފޯމަންސް ސެންޓަރެއްގައި ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. މިއީ ބާސްކެޓުގެ ތާރީޚުގައި އަންހެން ޓީމަކަށް މިހާތަނަށް ތަމްރީނުވުމަށް ލިބުނު އެންމެ ބޮޑު އެއް ފުރުސަތެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅިވަރާބެހޭ ވުޒާރާ އާއި ބާސްކެޓް އެސޯސިއޭޝަން ގުޅިގެން ކުރި މަސއްކަތުން ގައުމީ ޓީމު ވަނީ ތައިލޭންޑުގައި ވެސް ކޭމްޕުކޮށްފައެވެ. މި ކޭމްޕުތަކުގެ ސަބަބުން ޓީމަށް ކުރިއެރުންތަކެއް ލިބިގެންދިޔަ ކަން އެސޯސިއޭޝަނާއި ޓީމުގެ ކޯޗުން ވަނީ ފާހަގަކޮށްފައެވެ.

ސަރަހައްދީ ހަ ގައުމު ވާދަކުރާ މި މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑަމް ވިދާޅުވީ މިއީ 2017 އިން ފެށިގެން އެސޯސިއޭޝަނުން ކުރަން ފެށި މަސައްކަތެއް ކަމަށެވެ. އަދި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ފެށީ އެފަހަރު ރާއްޖޭގައި ބޭއްވި ފިރިހެނުންގެ ސާބާ ޗެމްޕިިއަންޝިޕާއި ހިސާބުން ކަމަށެވެ.

އެޑަމް ވިދާޅުވީ އަންހެން މުބާރާތަކަށްވިކަމުގައިވިޔަސް މި މުބާރާތުގެ ފެންވަރުވެސް ވަރަށް ރަނގަޅުވާނެ ކަމަށާއި، މިއީ ރާއްޖޭގެ އަންހެން ބާސްކެޓަށް ލިބޭ ބޮޑު ފުރުސަތެއްގެ އިތުރުން ރާއްޖޭގައި މިވަގުތު ތިބި ބާސްކެޓްބޯޅައިގެ އޮފިޝަލުންނަށްވެސް ލިބޭ ބޮޑު ފުރުސަތެއްކަމަށެވެ.

ދެކުނު އޭޝިއާގެ ހަ ގައުމެއް ވާދަކުރާ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަނީ މި މަހުގެ 24 އިން 30 ގެ ނިޔަލަށެވެ. ރާއްޖެއާއެކު މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ބަންގްލަދޭޝް، ނޭޕާލް، އިންޑިއާ، ސްރީ ލަންކާ އަދި ބޫޓާނެވެ. މި މުބާރާތް ކުރިއަށްދާނީ ރައުންޑް ރޮބިން އުސޫލުންނެވެ.

މިއީ އަންހެން ބާސްކެޓްބޯޅަ ތާރީޚުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ރާއްޖޭގެ އަންހެން ޓީމުން ވަނީ 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޓީމަށް ލޯ މެޑެލް ހޯދައިދީފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ރާއްޖޭގައި ވަނީ ފިރިހެނުންގެ ސާބާ ޗެމްޕިއަންޝިޕް ބާއްވާފައެވެ.