ކުޅިވަރު

މާލޭ އާއި ސެންޓްރަލް ޒޯނުގެ ސްކޫލް ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި


މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ލިޓަސް 17 ވަނަ އިންޓަސްކޫލް ބެޑްމިންޓަން މުބާރާތުގެ ގްރޭޓާ މާލޭ ޒޯނާއި ސެންޓްރަލް ޒޯނުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި ދެ ޒޯނުގެ ކުޅުން ކުރިޔަށްދިޔައީ މާލޭގެ ކުޅިވަރު އެކުވެނި އިންޑޯ ހޯލުގައެވެ. މާލޭ ޒޯނުގައި ޖުމްލަ 11 ސްކޫލެއް މިފަހަރުގެ މުބާރާތުގައި ވާދަކުރި އިރު ސެންޓްރަލް ޒޯނު މުބާރާތުގައި ވާދަކޮށްފައިވާ ހަމައެކަނި ޓީމަކީ ވ. ކެޔޮދޫ ސްކޫލެވެ.

މުބާރާތް ކުރިޔަށްދިޔައީ އެކު ގްރޭޑްތަކަށް ބަހާލައިގެން ދެ ޒޯނު ވަކިިންނެވެ. އެގޮތުން ގްރޭޑް 5 އަދި 6 ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދިއިރު ގްރޭޑް 7 އާއި 8 ގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އަހުމަދިއްޔާ ސްކޫލެވެ. އަދި ގްރޭޑް 9 އާއި 10 ގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ވެސް ހޯދީ ތާޖުއްދީން ސްކޫލެވެ.

ގްރޭޑް 11 އާއި 12 ގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އަހުމަދިއްޔާ ސްކޫލެވެ. ސެންޓްރަލް ޒޯނުގައި ވާދަކޮށްފައިވަނީ ކެޔޮދޫ ސްކޫލް ކަމުން ހުރިހާ އުމުރުފުރާތަކެއްގެ ވަނަތައް ހޯދީ އެ ސްކޫލުންނެވެ.

އިންޓަ ސްކޫލް މުބާރާތް ކުރިއަށްދަނީ މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެއީ ސައުތު، ސައުތު ސެންޓްރަލް، ނޯތު، ނޯތު ސެންޓްރަލް، މާލެ އަދި ސެންޓްރަލް އެވެ. ނަމަވެސް މުބާރާތް ކުރިއަށްދަނީ ތިން ޒޯނެއްގައެވެ. އެއީ އައްޑޫ ސިޓީ އާއި މާލޭގެ އިތުރުން ނ. ހޮޅުދޫގައެވެ. މިހާތަނަށް އައްޑޫގައި ވަނީ ސައުތު އަދި ސައުތު ސެންޓްރަލް މުބާރާތް ބާއްވާފައެވެ.

މާލޭ ޒޯނުގައި މި މުބާރާތް ކުރިޔަށްދިޔައީ 500 އަށްވުރެ ގިނަ ބައިވެރިންނާއެކު އެވެ. އައްޑޫ މުބާރާތްވެސް ކުރިޔަށްދިޔައީ 500 އަށްވުރެ ގިނަ ބައިވެރިންނާއެކު އެވެ. މި ދެ މުބާރާތުގެ ކާމިޔާބީއާއެކު ދެން ކުރިޔަށްއޮތީ ނ. ހޮޅުދޫގައި ބާއްވާ ނޯތު އަދި ނޯތު ސެންޓްރަލް ޒޯނުގެ ކުޅުމެވެ. މި ޒޯނުގައި ޖުމްލަ 300 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.