ކުޅިވަރު

ރިސޯޓް ލީގު: ވެލާ ބަލިކޮށް ނޫނު ޒޯނުގެ ޗެމްޕިއަންކަން ޖާނީއަށް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ނޫނު ފައިނަލުގައި ވެލާ ޕްރައިވެޓް އައިލޭންޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ ހޯދައިފިއެވެ.

މުބާރާތް ބޭއްވި ސޮނޭވާ ޖާނީން ނޫނު ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ވެލާ ޕްރައިވެޓް އައިލޭންޑް 4-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ޖާނީގެ މުހައްމަދު ނާޖިހު ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން ވެލާގެ އަހުމަދު ކިރާމް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް އޭގެ ތިން މިނެޓުފަހުން ޖާނީގެ އިބްރާހިމް ނިޔާޒު ވަނީ ދެވަނަ ފަހަރަށް އެ ޓީމަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން ޖާނީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 32 ވަނަ މިނެޓުގައި ޖާނީގެ ތިންވަނަ ލަނޑު ވަނީ ފެނިގެންގޮސްފައެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުކޮޅުގެ ތެރޭގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު ވަނީ ފެނިގެންގޮސްފައެވެ. މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖަހައިދިން، އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މުހައްމަދު ނާޖިހެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ވަނީ އިނާމުދީފައެވެ. އެގޮތުން މި ޒޯނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ތިން ކުޅުންތެރިއަކު ވަނީ ހޯދާފައެވެ. އެއީ ޝެވަލް ބްލެންކްގެ ޝާޑު މުހައްމަދާއި ސޮނޭވާ ޖާނީގެ އިބްރާހިމް ނިޔާޒު އަދި މުހައްމަދު ނާޖިހެވެ. މި ތިން ކުޅުންތެރިންވެސް ވަނީ މުބާރާތުގައި ހަތަރު ލަނޑު ޖަހާފައެވެ.

އެންމެ މޮޅު ކޯޗަކަށް ސޮނޭވާ ޖާނީގެ ކޯޗު ޝާފީ އަލީ ހޮވުނުއިރު މުޅި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮނޭވާ ޖާނީގެ އަލީ ޝިޔާޒެވެ. މި ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޖާނީގެ މުހައްމަދު ނާޖިހާއި އިބްރާހިމް ނަޖާހު އާއި އިބްރާހިމް ނިޔާޒު އަދި އިލްޔާސް އަބްދުލް ހަކީމުގެ އިތުރުން ވެލާ ޕްރައިވެޓް އައިލޭންޑުގެ އަހުމަދު ކިރާމް އަބްދުލް ސައްތާރެވެ.

ރިސޯޓު ލީގުގެ ނޫނު ޒޯނުގެ ކުޅުން ކުރިޔަށްދިޔައީ ޖުމްލަ ހަ ޓީމެއް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ސޮނޭވާ ޖާނީ ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. މިއީ މި ޒޯނުގައި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. ނޫނު ޒޯނުގެ ކާމިޔާބީއާއެކު މިއަހަރުގެ މިހާތަނަށް ފަސް ޒޯނެއްގެ ކުޅުން ވަނީ ނިމިފައެވެ.

އެގޮތުން ދާލު ޒޯނުގެ ޗެމްޕިއަންކަން ކަނޑިންމަ މޯލްޑިވްސް ހޯދިއިރު ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލޭންޑެވެ. ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން އޮޒެން ރިޒާވް ބޮލިފުށި ހޯދިއިރު ނޯތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަރޮސް މޯލްޑިވްސް އެވެ. ކުރިޔަށް ދެން އޮތީ ބ. އަތޮޅަށް ހާއްސަ މުބާރާތާއި ޅ. އަތޮޅަށް ހާއްސަ މުބާރާތެވެ.