ކުޅިވަރު

ޗެމްޕިއަން މިލާން ބަލިކޮށް ނާޕޮލީ އެއްވަނައަށް


އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ބަލިކޮށް ތާވަލުގެ އެއްވަނައަށް ނާޕޮލީ ޖެހިލައިފިއެވެ.

މިލާންގެ ދަނޑުގައި ކުޅުނު މި މެޗު ނާޕޮލީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. ނަމަވެސް މިލާނަށް މިމެޗްގައި ނާޕޯލީގެ މައްޗަށް ކުރި ހޯދޭ ގޮތެއްނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު 55 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ ނާޕޮލީއެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މަޓިއޯ ޕޮލިޓާނޯއެވެ.

މެޗުގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 69 ވަނަ މިނެޓްގައި ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އޮލިވަރ ޖިރޫއެވެ. ނަމަވެސް މި ލަނޑު ޖެހިތާ 9 މިނެޓްފަހުން ނާޕޮލީން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖިއޮވާނީ ސިމޯނީއެވެ.

މި ކާމިޔާބީއާއެކު ނާޕޮލީއަށް ތާވަލްގެ އެއްވަނަ ލިބެނީ ހަތް މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކުއެވެ. ތާވަލްގެ ދެވަނައިގައި އުޅޭ އެޓްލަންޓާ އަށްވެސް 17 ޕޮއިންޓް ލިބިފައިވީ ނަމަވެސް ނާޕޮލީއަށް ކުރި ލިބެނީ ފައިދާ ގޯލަށް ބަލާއިރުއެވެ. އަދި މިލާން އުޅެނީ 14 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.

މުބާރާތުގައި އެޓްލާންޓާ އާއި އޭއެސް ރޯމާ ބައްދަލުކުރި މެޗް 1-0 އިން ކާމިޔާބުކުރީ އެޓްލާންޓާއެވެ. އަދި އުދިނޭސީ އާއި އިންޓަ މިލާން ބައްދަލުކުރި މެޗު 3-1 އިން އުދިނޭސީ ކާމިޔާބުކުރި އިރު އަލަށް ޕްރޮމޯޓްވި މޮންޒާ އަތުން ޔުވެންޓަސް ވަނީ ބަލިވެފައެވެ.