ކުޅިވަރު

ފަހު މެޗުގައި މިޔަންމާ އަތުންވެސް ރާއްޖޭގެ ޒުވާން ޓީމު ބަލިވެއްޖެ


20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ފަހު މެޗުގައި މިޔަންމާ އަތުން ބަލިވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ސައުދި އަރަބިއްޔާގެ ދަންމާމުގެ ޕްރިންސް ސައުދު ބިން ފަހުދު ސްޓޭޑިއަމުގައި ކުޅުނު މި މެޗު މިޔަންމާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ރާއްޖޭގެ ފަހުމާން އަބްދުލް ހަމީދަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާ މިޔަންމާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

އޭގެ ފަހުން މިޔަންމާއިން ފުލުފުލުގައި ރާއްޖޭގެ ގޯލަށް ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ވަނީ މޮޅު ކުޅުމެއް ދައްކައި މިޔަންމާގެ ހަމަލާތައް މަތަކޮށްފައެވެ. މިޔަންމާއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކައުން ހްޓެޓްއެވެ.

ދެވަނަ ހާފު ފަށައިގެން ރާއްޖެއިން މިޔަންމާގެ ހާފަށް ބާރުބޮޑުކުރިއިރު، މި ހާފުގައި ރާއްޖޭގެ އަޙުނަފް މުހައްމަދު ތަސްމީން (ނަފްކޮ)އަށް ލިބުނު ފުރުސަތުގެ ބޭނުން ވަނީ ނުހިފިފައެވެ. އޭގެ ފަހުން ފަހުމާން ލަނޑެއް ޖެހި ނަމަވެސް ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މެޗުގެ 82 ވަނަ މިނެޓުގައި މިޔަންމާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްވާން ހެޓްއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މިޔަންމާއިން ވަނީ ތިންވަނަ ލަނޑު ވެސް ޖަހައިފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން ލާ މިންއެވެ.

މި ނަތީޖާއާއެކު ރާއްޖެއިން ކޮލިފައިން ނިންމާލަން ޖެހުނީ ހުރިހާ މެޗަކުންވެސް ބަލިވެގެންނެވެ. އެއާއެކު ގްރޫޕް ތާވަލުގެ އެއްވަނައިގައި ސައުދީ އޮތީ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޗައިނާއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް މިޔަންމާއަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ރާއްޖެ ކޮލިފައިން ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.