ކުޅިވަރު

ރިސޯޓް ލީގު: ބާ ޒޯނުގެ ކުޅުން އަންނަ މަހު ލަނޑާ ގިރާވަރުގައި


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ބ. އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގެ ކުޅުން ފޯ ސީޒަންސް ލަނޑާ ގިރާވަރުގައި ކުރިއަށްގެންދަން ނިންމައިފިއެވެ.

ބާ ޒޯނަށް ހާއްސަ މުބާރާތް ފެށުމަށް ތައްޔާރުވަމުން އަންނަނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހަށެވެ. މި ޒޯނުގައި އެންމެ ފަހުން މުބާރާތް ބޭއްވީ 2019 ވަނަ އަހަރުގައެވެ. އެހެންކަމުން މި މުބާރާތް ބާ ޒޯނުގައި ބާއްވަނީ ދެ އަހަރުދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.

މި ޒޯނުގައި މިހާތަަނަށް ތިން ފަހަރެއްގެ މަތިން ރިސޯޓު ލީގު ވަނީ ބާއްވާފައެވެ. އެ ތިން ފަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސޮނޭވާފުއްޓެވެ. މުބާރާތް ބާ ޒޯނުގައި ބާއްވާފައިވަނީ 2014، 2016 އަދި 2019 ގައެވެ.

ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަދައްކަމުން މުބާރާތުގެ އޮގަނައިޒިން ޓީމުން ބުނީ ބާ ޒޯނު މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އަތޮޅުގެ ރިސޯޓުތަކުން މި މުބާރާތުގައި ބައިވެރިވާ ދުރާލާ ޝައުގުވެރިކަން ފާޅުކުރަމުންދިޔަ ކަމަށެވެ. އެހެންކަމުން ދެ އަހަރަށްފަހު ބާއްވާ ބާ ޒޯނުގެ ފޯރި އެހެން ފަހަރުތަކަށް ވުރެ ގަދަވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ބުންޏެވެ.

މުޅި ރާއްޖެ އެކި ޒޯނުތަކަށް ބަހާލައިގެން ކުރިޔަށްދާ ރިސޯޓު ލީގުގައި މިހާތަނަށް ދާލު ޒޯނުގެ ޗެމްޕިއަންކަން ކަނޑިންމަ މޯލްޑިވްސް ހޯދިއިރު ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލޭންޑެވެ. ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން އޮޒެން ރިޒާވް ބޮލިފުށި ހޯދިއިރު ނޯތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަރޮސް މޯލްޑިވްސް އެވެ.

މީގެއިތުރުން ނޫނު އަތޮޅަށް ހާއްސަކޮށް ބާއްވާ ނޫނު ޒޯނުގެ ކުޅުން ފެށިގެން ކުރިޔަށްދާއިރު ޅަވިޔަނި އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ ޅަވިޔަނި ޒޯނުގެ ކުޅުން މި މަހުގެ 25 ގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ޅަވިޔަނި ޒޯނުގެ ކުޅުން ކުރިޔަށްދާނީ ކުރެއްދޫ އައިލޭންޑް ރިސޯޓް އެންޑް ސްޕާ ގައެވެ.