ކުޅިވަރު

އެސޯސިއޭޝަނުގެ ތައްޔާރީތަކަށް މަޚްލޫފުގެ ތައުރީފު، އެދެނީ ސޯޝަލް ފުރާލުމަށް


ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕުގެ އަންހެން މުބާރާތަށް ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) އިން ވެފައިވާ ތައްޔާރީތައް ފާހަގަކުރާ ކަމަށާއި އެދެނީ ދިވެހި ޓީމު ކުޅޭ މެޗުތަކަށް ޒުވާނުންގެ މަރުކަޒު ފުރާލަދިނުމަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މި މަހުގެ 24 ގައި ފަށާ ސަރަހައްދީ އެންމެ ބޮޑު ބާސްކެޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓް ޓީމުން ވަނީ މިދިޔަ އޯގަސްޓް މަހުގެ 17 އިން 31 އަށް އިންޑިއާގެ ބެންގަލޫރުގެ މަޝްހޫރު ހައި ޕާފޯމަންސް ސެންޓަރެއްގައި ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. މިއީ ބާސްކެޓުގެ ތާރީޚުގައި އަންހެން ޓީމަކަށް މިހާތަނަށް ތަމްރީނުވުމަށް ލިބުނު އެންމެ ބޮޑު އެއް ފުރުސަތެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅިވަރާބެހޭ ވުޒާރާ އާއި ބާސްކެޓް އެސޯސިއޭޝަން ގުޅިގެން ކުރި މަސއްކަތުން ގައުމީ ޓީމު ވަނީ ތައިލޭންޑުގައި ވެސް ކޭމްޕުކޮށްފައެވެ. މި ކޭމްޕުތަކުގެ ސަބަބުން ޓީމަށް ކުރިއެރުންތަކެއް ލިބިގެންދިޔަ ކަން އެސޯސިއޭޝަނާއި ޓީމުގެ ކޯޗުން ވަނީ ފާހަގަކޮށްފައެވެ.

މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ސްޕޯޓްސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ މުބާރާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތް ފާހަގަކުރާ ކަމަށާއި އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި އަންހެން ބާސްކެޓް ޓީމުން މި މުބާރާތުން ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރަމުން އަންނަ ބުރަ މަސައްކަތް ވެސް ފާހަގަކުރައްވާ ކަމަށާއި އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ރާއްޖޭގައި ފަށާ ސައުތު އޭޝިއަން ބާސްކެޓް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕުގައި ދިވެހި ޓީމު ކުޅޭ ކޮންމެ މެޗެއްގައި ވެސް ސަޕޯޓަރުން ސޯޝަލް ސެންޓަރު ފުރާލަދިނުމަކީ ބޮޑު އެދުމެއް ކަމަށާއި މީގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މުބާރާތަކީ މި އަހަރުގެ ތެރޭގައި ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފަސް ވަނަ މުބާރާތް ކަމުން އުއްމީދަކީ މި މުބާރާތުން ރާއްޖޭގެ އަންހެން ޓީމު ގައުމަށް ރީތި ނަމެއް ހޯދައިދިނުން ކަމަށެވެ.

ދެކުނު އޭޝިއާގެ ހަ ގައުމެއް ވާދަކުރާ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަނީ މި މަހުގެ 24 އިން 30 ގެ ނިޔަލަށެވެ. ރާއްޖެއާއެކު މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ބަންގްލަދޭޝް، ނޭޕާލް، އިންޑިއާ، ސްރީ ލަންކާ އަދި ބޫޓާނެވެ. މި މުބާރާތް ކުރިއަށްދާނީ ރައުންޑް ރޮބިން އުސޫލުންނެވެ.

މިއީ އަންހެން ބާސްކެޓްބޯޅަ ތާރީޚުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ރާއްޖޭގެ އަންހެން ޓީމުން ވަނީ 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޓީމަށް ލޯ މެޑެލް ހޯދައިދީފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ރާއްޖޭގައި ވަނީ ފިރިހެނުންގެ ސާބާ ޗެމްޕިއަންޝިޕް ބާއްވާފައެވެ.