ބާރުގަދަ ތޫފާނެއް ކަމުގައިވާ ނަންމަޑޮލް ޖަޕާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ތޫފާން އަރާފައި ވަނީ ޖަޕާނުގެ ދެކުނުގައިވާ ކްޔޫޝޫ ޕްރިފެކްޗަރގެ ސަރަޙައްދުތަކުގެ އިތުރުން އެ ޤައުމުގެ ހުޅަނދުދެކުނުގެ ސަރަޙައްދުތަކަށެވެ.
ތޫފާން އަރާނެ ކަމުގެ އިންޒާރު ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ދިނުމާ އެކު، އެ ޕްރިފެކްޗަރގެ ރަށްތަކުގެ ރައްޔިތުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. މި ތޫފާނުގެ ސަބަބުން ކްޔޫޝޫގެ ދެ ރަށް ކަމުގައިވާ ކަގޮޝީމާއާއި މިޔަޒާކީގެ ބޮޑު ސަރަޙައްދަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. އެ ސަރަޙައްދުގެ 25,500 އަށްވުރެ ގިނަ ގެދޮރުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.
މި ތޫފާނާ ގުޅިގެން ކަގޮޝީމާއާއި މިޔަޒާކީގައި ދަތުރުފަތުރަށް ވެސް ވަނީ ހުރަސް އެޅިފައެވެ. ރޭލު ދަތުރުތަކުގެ އިތުރުން ވައިގެ އުދުހުންތަކާއި ފެރީ ދަތުރުތައް ވެސް ވަނީ މެދުކަނޑައިލާފައެވެ. މި ގޮތުން މިހައިތަނަށް 500 އަށްވުރެ ގިނަ ވައިގެ އުދުހުން ވަނީ ކެންސަލްކޮށްފައެވެ. ތޫފާނާ އެކު އެ ސަރަޙައްދަށް ބާރުމިނުގައި ވައި ޖެހެމުންދާ ކަމަށާއި ބައެއް ޢިމާރާތްތައް ވެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، އުދައެރުމާއި ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް އެ ފަރާތުން ވަނީ އިންޒާރު ކޮށްފައެވެ.
މި ތޫފާނުގެ ނުރައްކާތެރިކަން އިތުރުވަމުންދާތީ ކްޔޫޝޫ ޕްރިފެކްޗަރގައި ދިރިއުޅޭ 2.9 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އަންގާފައެވެ. މިހާރު ވެސް 8,500 އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމުގައި ކަގޮޝީމާގެ އޮފިޝަލުން ބުނެއެވެ.
މި ތޫފާނާ ގުޅިގެން ކްޔޫޝޫގެ ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ އެއްވެސް ރިޕޯޓެއް އަދި ކޮށްފައެއް ނެތެވެ. މި ތޫފާނާ އެކު ގަޑިއަކު 252 ކިލޯމީޓަރަށް ވައި ޖެހެމުންދާ ކަމުގައި ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
މިއީ ޖަޕާން އޮންނަ ސަރަޙައްދުގައި ކޮންމެ އަހަރަކު ވެސް ބާރުގަދަ ތޫފާންތަކެއް އުފެދޭ ދުވަސްވަރެކެވެ. އެ ޤައުމަށް ކޮންމެ އަހަރަކު ވެސް 20 ވަރަކަށް ތޫފާން އަރައެވެ. އަދި، މި ތޫފާންތަކާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް ކުރިމަތިވެއެވެ.
2019 ވަނަ އަހަރު ޖަޕާނަށް ތޫފާން ހަގިބިސް އަރައި ހިނގި ހާދިސާތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އޭ ގެ އެއް އަހަރު ފަހުން އެރި ތޫފާން ޖެބީއާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 14 މީހުން މަރުވިއެވެ. 2018 އަހަރު އެ ޤައުމުގައި ފެންބޮޑުވެ ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 200 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ.