އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.
ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. އަދި މެޗްގެ ފުރަތަމަ މިނެޓްގައި ސިޓީން ލަނޑެއް ޖަހާ އެޓީމުން ވަނީ ފެށުންވެސް ރަނގަޅުކޮށްފައެވެ.
މި ލަނޑު އެޓީމަށް ޖަހާދިނީ ޖެކް ގްރީލިޝްއެވެ. އަދި މެޗްގެ 16 ވަނަ މިނެޓްގައި އަރލިންގ ހާލަންޑްވަނީ ލަނޑެއް ޖަހާ ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭނާ 9 މެޗްގައި ސިޓީއަށް ކާމިޔާބުކޮށްދިން 14 ވަނަ ލަނޑެވެ. މި މެޗްގައި ވުލްވްސްއަށް އިތުރަށް މައްސަލަ ކުރިމަތިވީ މެޗްގެ 33 ވަނަ މިނެޓުގައި ނޭތަން ކޮލިންސް ގްރީލިޝްއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ރަތް ކާޑު ދެއްކުމުންނެވެ.
އެހެންކަމުން މެޗްގެ ބާކީ އޮތް ބައި އެޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ. މި މެޗްގެ ދެވަނަ ހާފްގައި އެއް ކުޅުންތެރިއެއް މަޑުކޮށް ކުޅެމުންދިޔަ ނަމަވެސް ވުލްވްސްއިން ވަނީ ވަރަށް ހިތްވަރާއެކު މަސައްކަތްކޮށް ހަމަލާ އުފެއްދޭތޯ މަސައްކަތްކޮށްފަ އެވެ. އެގޮތުން ލަނޑު ޖަހާނެ ދެތިން ފުރުސަތުވެސް ހޯދާފައިވެއެވެ. މި މެޗްގައި ސިޓީން ކާމިޔާބުކުރި ތިންވަަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ.
މި ކާމިޔާބީއާއެކު ސިޓީން މިހާރުވަނީ ކުޅުނު ހަތް މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. ދެވަނައިގާ މިވަގުތު އޮތް ސްޕަރސްއަށް ލިބިފައިވަނީ 17 ޕޮއިންޓް ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބެނީ ސިޓީއަށެވެ. އަދި މިހާރު މިސީޒަންގެ ޕްރިމިއަރ ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ދެ ޓީމަކީވެސް މިއީއެވެ. މިމެޗުން ބަލިވުމާއެކު ވުލްވްސް މިހާރު އުޅެނީ 6 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.