ކުޅިވަރު

އެލްޗޭ ބަލިކޮށް ބާސާ ތާވަލުގެ އެއްވަނައަށް


ސްޕެނިޝް ލީގުގައި އެލްޗޭ އަތުން ހޯދި މޮޅާއެކު ބާސެލޯނާއިން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައަށް އެރީ ކުޅުނު 6 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު އެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. މެޗްގެ 14 ވަނަ މިނެޓްގައި ްއެލްޗޭގެ ޑިފެންސްލައިން ފޫއަޅުވާލަން އުޅެނިކޮށް ކުރި ފައުލަކާއި ގުޅިގެން އެލްޗޭގެ ކެޕްޓަން ގޮންޒާލޯ ބަރޑޫއަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. އެހެންކަމުން މެޗްގެ ބޮޑު ބައި އެލްޗޭއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ.

މި މެޗްގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓްގައި ބާސާއަށް ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖަހާދިނީ މެމްފިސް ޑިޕާއީ އެވެ. މެޗްގައި ބާސާގެ ފަހު ލަނޑު 48 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ލެވަންޑޯސްކީއެވެ. މިއީ އޭނާ ބާސާއަށް މިހާތަނަށް ކުޅެދިން 8 މެޗްގައި ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. މެޗްގައި މީގެއިތުރުންވެސް ބާސާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ބާސާ އަތުން ބަލިވި އެލްޗޭ އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މިރޭ ކުޅޭ މެޗުން އެޓީމް މޮޅުވެއްޖެނަމަ ތާވަލްގެ އެއްވަނައަށް އަނެއްކާވެސް ރެއާލް އަރާނެއެވެ.