ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ ޝަމްހާ އަޙްމަދު، ހާފް މެރަތަންގެ ގައުމީ ރިކޯޑު މުގުރާލައިފިއެވެ.
ނޯވޭގެ ވެރިރަށް އޮސްލޯގައި ހޮނިހިރު ދުވަހު ކުރިއަށްދިޔަ "އޮސްލޯ މެރަތަން" ގެ ހާފު މެރަތަން ކެޓަގަރީގައި ވާދަކޮށް ޝަމްހާ ގައުމީ ރެކޯޑު މުގުރާލީ 1 ގަޑިއިރާ 27 މިނެޓު 51 ސިކުންތުން ރޭސް ނިންމައިގެންނެވެ. ހާފް މެރަތަންގެ ކުރީގެ ރެކޯޑު އޮތީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގައެވެ.
މަރީ ހާފް މެރަތަންގެ ގައުމީ ރެކޯޑު ހެދީ މިއަހަރުގެ ފެބްރުއަރީ މަހު ޔޫއޭއީގައި އޮތް ރަކް އަލް ހައިމާ ހާފް މެރަތަންގައެވެ. މަރީގެ ޓައިމިންއަކީ 1 ގަޑިއިރާ 30 މިނެޓު 46 ސިކުންތެވެ.
ޝަމްހާ ވަނީ މިއަހަރު ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑުވެސް އައުކޮށްފައެވެ. ޖަރުމަނުގައި ބޭއްވި ދަ އިވިއެލް ހާފް މެރަތަންގެ ފަސް ކިލޯމީޓަރުގެ ރޭހުގައިި ވާދަކޮށް ޝަމްހާ ރެކޯޑު ހެދީ 20 މިނެޓު 8 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން 100 މީޓަރުގެ ގައުމީ ރެކޯޑުވެސް އޮތީ ޝަމްހާ އަތުގައެވެ. 19 އަހަރު ކުރިން ޝަމްހާ ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައި ހެދި ރެކޯޑު މިހާރު ހުރި އެންމެ އުއްމީދީ އަންހެން ދުވުންތެރިޔާ ހިމްނާ ހަސަން މުގުރާލީ ތުރުކީގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ.