ކުޅިވަރު

ރިސޯޓް ލީގު: ނޫނު ޒޯނުގެ ފައިނަލަށް ޖާނީ އާއި ވެލާ


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓު ލީގު 2022 ގެ ނޫނު ޒޯނުގެ ފައިނަލަށް ސޮނޭވާ ޖާނީ އާއި ވެލާ ޕްރައިވެޓް އައިލެންޑް ދަތުރުކޮށްފިއެވެ.

ހަ ޓީމު ވާދަކުރާ ނޫނު ޒޯނުގެ ފައިނަލަށް ސޮނޭވާ ޖާނީ ދަތުރުކުރީ 5-1 ގެ ނަތީޖާއަކުން މޫވެންޕިކް ކުރެދިވަރު ބަލިކޮށްގެންނެވެ. ވެލާ ޕްރައިވެޓް އައިލެންޑް ފައިނަލަށް ދިޔައީ ސެމީފައިނަލުގައި ޝެވަލް ބްލެންކް ރަންދެލި 2-1 އިން ބަލިކޮށްގެންނެވެ. މި ދެ ޓީމަކީ މުބާރާތުގެ ގްރޫޕް ސްޓޭޖުން އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ދަތުރުކުރި ދެ ޓީމެވެ.

ސޮނޭވާ ޖާނީ މޮޅުވި މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުގެ ހަސަން އައްސަދު އެ ޓީމަށް ވަނީ ލީޑު ނަގައިދީފައެވެ. ބާކީ ހުރިހާ ގޯލެއް ފެނިގެންދިޔައި މެޗުގެ ދެވަނަ ހާފުގެ ތެރޭގައެވެ. ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ޝިޔާޒް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ތިން މިނެޓުފަހުން އަހުމަދު ޝިފާއު އެ ޓީމުގެ ތިންވަނަ ލަނޑު ޖެހިއިރު، މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް އަބްދުﷲ ޝަރީފް ވަނީ ސޮނޭވާގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި މޫވެންޕިކް ޓީމުން ސުން ކަނޑުވާލަދިން ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އާޒިމެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް ހަސަން އައްސަދު ވަނީ ސޮނޭވާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ސެމީފައިނަލުގެ ދެވަނަ މެޗުގައި ވެލާގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސާޖިދެވެ. ފުރަތަމަ ހާފު ނިމުނުއިރު 1-0 އިން ވެލާ ލީޑުގައި އޮތްއިރު ދެވަނަ ހާފުގެ 32 މުހައްމަދު ޝަރީފެވެ. ޝެވަލް ބްލެންކްގެ ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޝާޑު މުހައްމަދެވެ.

މި މަހުގެ 11 އިން 19 ގެ ނިޔަލަށް ސޮނޭވާ ޖާނީގައި ކުރިޔަށްދާ މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހެވެ.