ޚަބަރު

ޝައިޚް ބީއޭ ނަސީމް ނިޔާވެއްޖެ


މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚު އާދަމް ނަސީމް (ބީއޭ ނަސީމް) ނިޔާވެއްޖެއެވެ.

އާދަމް ނަސީމް ނިޔާވީ އުމުރުން 83 އަހަރުގައި އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަނިކޮށެވެ. އާދަމް ނަސީމްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތައް އުނގަންނަވައި ދެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ނަސީމަކީ ސިޔާސީ އަދި ދީނީ ގޮތުން ގައުމު އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެކަމުގެ ތެރެއިން ހައްޔަރުކޮށް ދައުވާ ކުރުމެއް ނެތި ޖަލުގައި ބަހައްޓާފައިވެއެވެ.

ބީއޭ ނަސީމަކީ، މަދީނާ ޔުނިވަސިޓީން އެންމެ ފުރަތަމަ ނިންމި ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނާއަށް ބީއޭގެ ލަގަބު ދެވުނީ ވެސް އިނގިރޭސި ބަހުން ބީއޭ ފާސް ހޯއްދެވުމުންނެވެ.

އާދަމް ނަސީމް ވަނީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފަ އެވެ. އާދަމް ނަސީމް އެމްޑީޕީ ދޫކޮށްލެއްވީ 2011 ވަނަ އަހަރުއެވެ.