ކުޅިވަރު

ޓީ20 ޕްރިމިއާ ލީގު: މާލޭ ވެޓެރަންސް އާއި މިލާނުގެ ރިކޯޑު ކުރިއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން މިލާން ކްރިކެޓް އެކެޑަމީ އާއި މާލޭ ވެޓެރަންސް މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން މިލާން މޮޅުވީ ސީބީއެލް ސްޕޯޓްސް އަތުން 29 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން މިލާން އެންމެ ފުރަތަމަ ކުޅެން އަރައި ވަނީ 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން 166 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ބޯޅައިން 74 ލަނޑު ހެދި އާދަމް ނާސިފާއި 24 ބޯޅައިން 27 ލަނޑު އެއްކުރި ޔޫސުފް އަޒިޔާން ފަރުހަތެވެ.

ޖަވާބުގައި ސީބީއެލް ކުޅެން އަރައި 18 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 137 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ބޯޅައިން 60 ލަނޑު ހެދި މުޙަމަދު އަޒްހަރެވެ.

މީގެ އިތުރުން މި މުބާރާތުގައި ހޮނިހިރު ދުވަހުގެ މެންދުރުފަހު ކުޅުނު މެޗު މާލޭ ވެޓެރަންސްއިން ކާމިޔާބުކުރީ ވެސްޓް ސްޕޯޓްސް ކުލަބު އަތުން ނުވަ ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ވެސްޓް އެންމެ ފުރަތަމަ ކުޅެން އަރައި 15.1 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 55 ލަނޑެވެ. އެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ 14 ބޯޅައިން 12 ލަނޑު ހެދި އަބްދުﷲ ޒިޔާދެވެ.

ޖަވާބުގައި މާލޭ ވެޓްރަންސް ކުޅެން އަރައި ފަސްވަނަ އޯވަރުގައި ވަނީ 57 ހަދައި މެޗު ކާމިޔާބުކޮށްފައެވެ. މީގެ ތެރެއިން އެ ޓީމުގެ ތާރަކަ ވަނީ ނުބައިނުވެ 16 ބޯޅައިން 45 ލަނޑު ހަދައިދީފައެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން މާލޭ ވެޓެރަންސް އާއި މިލާން މޮޅުވިއިރު، މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް މި ދެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު މާލޭ ވެޓެރަންސް އެއްވަނައިގައި އޮތްއިރު، ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު މިލާން އޮތީ ތާވަލުގެ ދެވަނައިގައެވެ.

މި މުބާރާތުގައި ދެން މެޗެއް ކުޅެވިގެންދާނީ އަންނަ ހުކުރު ދުވަހެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރަށްފަހު އެއްވަނައިގައި އޮންނަ ޓީމަކަށެވެ. އަދި މި މުބާރާތުން އެންމެ ގަދަ ހަތަރު ޓީމު ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެއެވެ.