ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބުރޫނާއީއަށް ފުރައިފިއެވެ.
މި މަހު ރާއްޖޭން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލާއޮސް އާއި ބުރޫނާއީ ދެކޮޅަށެވެ. މި ދެ މެޗުވެސް ބުރޫނާއީގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އާދީއްތަ ދުވަހުގެ ހެނދުނު ޓީމު ވަނީ ބުރޫނާއީއަށް ދިޔުމަށް ފުރާފައެވެ.
ބްރޫނާއީއަށް ފުރި ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. އަނިޔާގެ ސަބަބުން މި ސްކޮޑުގައި އިބްރާހީމް އައިސަމް ހިމެނިފައި ނުވާއިރު، ޓީމުން މުޅިން އަލަށް ފުރުސަތު ހޯދާފައިވަނީ ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ނިޝާމް މުޙައްމަދު ރަޝީދު (ޕޮގްބާ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު އަހުނަފް ރަޝީދެވެ.
ބްރޫނާއީއަށް ފުރުމުގެ ކުރިން "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ ޓީމުގައި އަނިޔާގެ ބައެއް މައްސަލަތައް އުޅުނު ނަމަވެސް، މިހާރު އެކުލަވާލެވިފައިވާ ޓީމަކީ ވަރަށް އުންމީދީ ޓީމެއް ކަމަށެވެ. އެގޮތުން ގިނަ ޒުވާން ކުޅުންތެރިންނާއެކު ސީނިއާ ކުޅުންތެރިން ހިމެނޭއިރު، ޓީމު ރޫހުވެސް ވަރަށް ރަނގަޅު ކަމަށް ވަނީ ބުނެފައެވެ.
މި މަހު ރާއްޖޭން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗެއް ކުޅޭއިރު، މި މަހުގެ 21 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ބުރުނާއީއާ ދެކޮޅަށެވެ. އަދި ލާއޮސްއާ ދެކޮޅަށް ނުކުންނާނީ އޭގެ ތިން ދުވަސް ފަހުންނެވެ.
މި މަހުގެ ފީފާ ދުވަސްތަކުގައި މެޗުތައް ކުޅޭތީ، މިއީ ފީފާ ރޭންކިންއަށް ވެސް ގުނާނެ މެޗުތަކެކެވެ. އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ރާއްޖެ އޮތީ 156 ވަނައިގައެވެ. އަދި ލާއޯސް 183 ވަނައިގައި އޮތްއިރު، ބްރޫނާއީ އޮތީ 190 ވަނައިގައެވެ.
މި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ މިދިޔަ ބުދަ ދުވަހު ބ. އޭދަފުށީގައި ކުލަބު އޭދަފުއްޓާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗުން ގައުމީ ޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަކަށް ރާއްޖޭން އެންމެ ފަހުން ނިކުމެފައިވަނީ މި އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ރާއްޖޭން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެއީ މި އަހަރު ކުރިއަށްދިޔަ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފަހުކޮޅުގައި ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި މޮރިއޭރޯގެ އިރުޝާދުގެ ދަށުން މިހާތަނަށް ވަނީ ހަތް މެޗު ކުޅެފައެވެ. އޭގެ ތެރެއިން ދެ މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. އަދި އަނެއް ތިން މެޗުން ވަނީ ބަލިވެފައެވެ.