ކުޅިވަރު

ޓީމު ރަނގަޅު ފޯމެއްގައި އޮތީ އިންޑިއާ ކޭމްޕުގެ ސަބަބުން: ޝިއުރާ


ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕުގެ އަންހެން މުބާރާތަށް ތައްޔާރުވަމުން އަންނަ އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމު މިހާރު އޮތް ފޯމުގައި އޮތީ އިންޑިއާގައި ފުރިހަމަކުރި ތަމްރީނުތަކުގެ ސަބަބުން ކަމަށް ޓީމުގެ އެންމެ ސީނިއާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާމިނަތު ޝިއުރާ އަބްދުލްބާރީ ބުނެފިއެވެ.

ރާއްޖޭގައި މި މަހުގެ 24 ގައި ފަށާ ސަރަހައްދީ އެންމެ ބޮޑު ބާސްކެޓް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓް ޓީމުން ވަނީ މިދިޔަ އޯގަސްޓް މަހުގެ 17 އިން 31 އަށް އިންޑިއާގެ ބެންގަލޫރުގެ މަޝްހޫރު ހައި ޕާފޯމަންސް ސެންޓަރެއްގައި ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. މިއީ ބާސްކެޓުގެ ތާރީޚުގައި އަންހެން ޓީމަކަށް މިހާތަނަށް ތަމްރީނުވުމަށް ލިބުނު އެންމެ ބޮޑު އެއް ފުރުސަތެވެ.

މުބާރާތާ ގުޅޭގޮތުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ޕީއެސްއެމް ސްޕޯޓްސް" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ޝިއުރާ ބުނީ މި ކޭމްޕަކީ ޓީމުގެ އެއް ފައުންޑޭޝަން ކަމަށާއި އެތްލީޓެއްގެ ވިސްނުމާއި މަސައްކަތްތަށް ގާތުން ފެނި އޭގެ ފައިދާ ކުޅުންތެރިންނަށްވެސް ކުރި ކަމަށެވެ.

އިންޑިއާގެ ހައި ޕާފޯމަންސް ސެންޓަރުން ރިކަވަރީ އާއި ޝޮޓުތައް ކާމިޔާބުކުރަން އެ ކުޅުންތެރިން ކުރާ މަސައްކަތްތައް ގާތުން ފެނި ގިނަ ކަންކަން ދަސްވެފައިވާ ކަމަށާއި މިފަދަ ފުރުސަތެއް ތަނަވަސްކޮށްދިނީތީ ކުޅިވަރު ވަޒީރު މަހުލޫފަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަޙްމަދު އާދަމް (އެޑަމް) ވިދާޅުވީ މި ކޭމްޕުގެ ސަބަބުން އެތްލީޓުން ރަނގަޅުކުރަންވީ ކަންކަން ފާހަގަވެގެންދިޔަ ކަމަށާއި ޕްރެކްޓިސް ނުކުރާ ގިނަ ކަންކަން ކޯޗުންނާ ކުޅުންތެރިންނަށް ދަސްވެގެންދިޔަ ކަމަށެވެ، އަދި އެ ފެސިލިޓީގައި ކުޅެން ލިބުނު އެކުވެރިކަމުގެ މެޗުތަކުން ފެނިގެންދިޔައީ މެޗަކަށްފަހު މެޗެއް ޓީމު ރަނގަޅުކުރި ތަން ކަމަށްވެސް ވިދާޅުވިއެވެ.

އެޑަމް ވިދާޅުވީ މި ކޭމްޕުގެ ސަބަބުން އެސޯސިއޭޝަނުގެ ހައިސިއްޔަތުން ރަނގަޅުކުރަން ޖެހޭ ކަންކަން ވެސް އެނގިގެންދިޔަ ކަމަށާއި މިއީ ދިވެހި ކުޅުންތެރިންނާއި ކޯޗުންނަށް ވެސް ރަނގަޅު ތަޖުރިބާއަކަށް ވި ކަމަށެވެ. އަދި މި ކޭމްޕު ލިބުނީ ވަރަށް ބޭނުންވެފައި ތިބި ދަނޑިވަޅެއްގައި ކަމަށާއި މިއީ މުޅި ޓީމަށްވެސް މުހިއްމުވިި ކޭމްޕެއް ކަމަށް އެޑަމް ވިދާޅުވިއެވެ.

ދެކުނު އޭޝިއާގެ ހަ ގައުމެއް ވާދަކުރާ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަނީ މި މަހުގެ 24 އިން 30 ގެ ނިޔަލަށެވެ. ރާއްޖެއާއެކު މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ބަންގްލަދޭޝް، ނޭޕާލް، އިންޑިއާ، ސްރީ ލަންކާ އަދި ބޫޓާނެވެ. މި މުބާރާތް ކުރިއަށްދާނީ ރައުންޑް ރޮބިން އުސޫލުންނެވެ.

މިއީ އަންހެން ބާސްކެޓްބޯޅަ ތާރީޚުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ރާއްޖޭގެ އަންހެން ޓީމުން ވަނީ 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޓީމަށް ލޯ މެޑެލް ހޯދައިދީފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ރާއްޖޭގައި ވަނީ ފިރިހެނުންގެ ސާބާ ޗެމްޕިއަންޝިޕް ބާއްވާފައެވެ.