ރާއްޖޭގައި ޓެނިސް އިތުރު ހަރުފަތެއް ކުރިޔަށްގެންދިއުމުގެ އަމާޒުގައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ސްކޫލް ކުދިންނަށް އަމާޒުކޮށް "ސުޕަ ޝޮޓްސް" ގެ ނަމުގައި ޕްރޮގްރާމެއް އިފުތިތާހުކޮށްފިއެވެ.
މިކަމަށްޓަކާ ގައުމީ ޓެނިސް ސެންޓަރުގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމާއި ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަޙްމަދު ނަޒީރުގެ އިތުރުން އެސޯސިއޭޝަނުގެ އިސްވެރިންނާއި އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން މި ސަރަހައްދަށް ކަނޑައަޅުއްވާފައިވާ ކޯޑިނޭޓަރު ޖޮނަތަންއެވެ.
މި ޕްރޮގްރާމަކީ ސްކޫލު ކުދިންނަށް ހުޅުވާލައިގެން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޓެނިސް ހަރަކާތެވެ. މާލޭގެ 16 ސްކޫލަކުން 240 އަށްވުރެ ގިނަ ކުދިން މި ޕްރޮގްރާމުގައި ބައިވެރިވެއެވެ. ބައިވެރިންނަށް ސެޝަންތައް ނަގައިދެނީ ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނުގެ ތަޖުރިބާކާރު ކޯޗުންނާއި ގައުމީ ޓެނިސް ޓީމުގެ ކުޅުންތެރިންނެވެ. މިއީ އައިޓީއެފްގެ ބޮޑު އެހީތެރިކަމާއެކު ރާއްޖޭގައި ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިޔަށްގެންދިއުމަށް ނިންމާފައިވަނީ ހަފުތާގެ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ. އެގޮތުން ހަފުތާތަކަށް ސްކޫލުތަކަށް ބަހާލުމަށްފަހު މި ޕްރޮގްރާމްގެ ސެޝަންތައް ކުރިޔަށްގެންދާނެއެވެ. މި ސެޝަންތަކުގައި ޓެނިސް ސެންޓަރާއި ސްކޫލުތަކަށް ޓެނިހުގެ ބޭސިކުން ފެށިގެން މުހިއްމު ގިނަ ބައިތަކެއް ކިޔައިދޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޓެނިހަކީ މުސްތަގުބަލް އޮތް އަދި ސިއްހީ ގޮތުންވެސް ގިނަ ފައިދާތަކެއް ލިބޭނެ ކުޅިވަރެއް ކަމަށެވެ. އަދި މި ސްކޫލް ޕްރޮގްރާމްގެ ތެރެއިން ޓެނިހުގެ އާ ޖީލެއް އުފެދިގެންދިއުމަކީ ބޮޑު އުއްމީދެއް ކަމަށްވެސް ވިދާޅުވިއެވެ.
ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސް އަމީން ވިދާޅުވީ ބޭނުމަކީ ޓެނިހަށް ލޯބި ޖެއްސުމާއި ޓެނިހުގެ އާ ޖީލެއް އުފަންކުރުން ކަމަށެވެ. އަދި މިކަމުގައި ބެލެނިވެރިންގެ ބޮޑު އެއްބާރުލުމެއް ބޭނުންވާކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ޓެނިސް އެސޯސިއޭޝަނުން ސްކޫލުތަކަށް ހުޅުވާލައިގެން ބޮޑު ޕްރޮގްރާމެއް ފެށިއިރު، މިހާރުވެސް ޓެނިހުގެ ގިނަ އެކަޑަމީތަކެއް ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. މިއީ ޓެނިސް އެސޯސިއޭޝަނުން މިހާތަނަށް ސްކޫލު ކުދިންނަށް ހުޅުވާލައިން ބާއްވާ އެންމެ ބޮޑު ޕްރޮގްރާމެވެ.