ޚަބަރު

ދިރާސާކުރުމުގައި މުސްލިމުންގެ ދައުރު އޮތީ ކަންބޮޑުވާ ޙާލަތުގައި: މިނިސްޓަރ އަސްލަމް


މުސްލިމުންގެ އާބާދީ މިއަދު ދުނިޔޭގައި 1.3 ބިލިއަނަށްވުރެ މަތީގައި އުޅޭއިރުވެސް އައު ކަންކަން ހޯދުމާއި ދިރާސާގެ ދާއިރާގައި މުސްލިމުންގެ ދައުރު %1އަށްވެސް ނާރާކަމީ ކަންބޮޑުވާންޖެހޭކަމެއްކަމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ބާރާއި ވެރިކަން ހޯދައި ދެމެހެއްޓުމަށްޓަކައި ޢިލްމަކީ އެންމެމުހިންމު ބާރުކަމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް" މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ އިސްލާމީ ތާރީޚަށް ބަލާލުމުން ފެނިގެންދާނީ ޢިލްމުގެ މުއްސަނދި ޒަމާންތައްކަމަށެވެ. އައުކަންކަން ހޯދުމުގެ ޝައުގުވެރިކަމާއި ދިރާސާކޮށް ކަންކަން ދެނެގަތުމުގެ ޖޯޝުގެ ސަބަބުން އެތައް އައު އީޖާދުތަކެއް ވުޖޫދުވެ އެތައް ކަމެއް ސައިންސްގެ އަލީގައި ދެނެގަނެވުނުކަމަށެވެ.

ސައިންސްގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ޖައްވުގެ ހަގީގަތްތަކަށް އަލިއަޅުއްވާލައްވައި މިސާލު ޖައްސަވަމުން މިނިސްޓަރ ވިދާޅުވީ އުޑުގައި ނަން ދެވިފައިވާ ތަރިތަކުގެތެރެއިން ތިންބައިކުޅަ ދެބައި ތަރިތަކަށް ޢަރަބި ނަންތައް ދެވިފައިވަނީ އޭގެފަހަތުގައި މުސްލިމުން ތިބުމުންކަމަށެވެ. އެހެންނަމަވެސް މިދާއިރާގައި މިއަދު ކަންބޮޑުވާންޖެހޭ އެތައްކަމެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ދުނިޔޭގައި ބާރު ކަށަވަރުކުރުމަށް އޮތް އެންމެވަރުގަދަ ހަތިޔާރަކީ ޢިލްމުކަމަށެވެ. ޢިލްމާއި ނުލައި ބާރެއް ދެމި ނޯންނާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"އިސްލާމީ ރަންޒަމާނުގައި އައުކަންކަން ހޯދުމުގައި އެންމެ އިސްދައުރެއް އަދާކުރީ ކަންކަން ބަލައި ދިރާސާކުރުމަށް ހުރި މުސްލިމުންގެ ޝައުގުވެރިކަން. މިއަދު މުސްލިމުންގެ އާބާދީ 1.3 ބިލިއަނަށް އަރާއިރުވެސް ނޯބެލް ޕްރައިޒްގައި ސައިންސްގެ ދާއިރާއިން 1 އިންސައްތައަށްވެސް މުސްލިމުންގެ ނިސްބަތް ނާރާ. މިއީ ކަންބޮޑުވާންޖެހޭކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ އައިޔޫއެމްއިން ކުރިއަށްގެންދާ މިމަހާސިންތާއަކީ ޢިލްމާއި މައުލޫމާތު ހިއްސާކުރުމަށް ހުޅުވާލެވިފައިވާ މުހިންމު ދޮރާއްޓެއްކަމަށެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ބައިނަލްއަޤުވާމީ މަހާސިންތާ މިމަހުގެ 17އިން 18އަށް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިމަހާސިންތާގައި ރާއްޖެއިން ބޭރުގެ 12 ބޭފުޅަކާއި ރާއްޖޭގެ 218 ބޭފުޅަކުވަނީ ބައިވެރިވެފައެވެ. ބޭރުގެ 3 ކީނޯޓް ސްޕީކަރުން މިއަދުވަނީ ވާހަކަދައްކަވާފައެވެ. ދެދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މަހާސިންތާއަށް 48 ކަރުދާސްވަނީ ހުށައަޅާފައެވެ.

މިމަހާސިންތާގައި މައިގަނޑު 4 ދާއިރާއަކުން މިއަހަރު ކަރުދާސް ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި ސޯޝަލް ސައިންސާއި، އިންސާނުންނާއި ތަޢުލީމުގެ ދާއިރާއާއި ޤުރުއާނާއި ބެހޭ ޢިލްމާއި، ޝަރީޢާ އެންޑް ލޯއަށް ޚާއްސަ ދާއިރާއަކާއި ފަތުރުވެރިކަމާއި، ތިމާވެއްޓާއި ޓެކްނޮލޮޖީގެ ދާއިރާއާއި ހިންގުމުގެ ދާއިރާއާއި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އެކައުންޓިންގއާއި ބެންކިންގާއި ފައިނޭންސްގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން ކޯވިޑް-19ގެ ސަބަބުން ކޮށްފައިވާ އަސަރުތަކާއި ގުޅޭ ކަރުދާސް ހުށައެޅުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ. މިއީ އައިޔޫއެމްއިން މިމަހާސިންތާ ބާއްވާ 7 ވަނަ މަހާސިންތާއެވެ. އެންމެ ފުރަތަމަ މިމަހާސިންތާ ބާއްވާފައިވަނީ 2016ވަނަ އަހަރުގައެވެ.