ކުޅިވަރު

މަތިވެރީ މާންސް ޖަމުއިއްޔާގެ ވޮލީ އެކެޑަމީ އިފުތިތާހުކޮށްފި


އއ. މަތިވެރީގައި ކުޅިވަރުގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގަމުންދާ މާންސް ޖަމުއިއްޔާގެ ސްޕޯޓްސް އެކެޑަމީގެ ތެރެއިން ވޮލީބޯލް އެކެޑަމީ ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

މާންސް ޖަމުއިއްޔާގެ ވޮލީ އެކެެޑަމީ ވުޖޫދަށް އައުމާއެކު މިއީ ދިވެހި ރާއްޖޭގެ ކުޅިވަރު ޖަމުއިއްޔާއަކުން ވޮލީބޯލް އެކެޑަމީއެއް އިފުތިތާހުކުރި ފުރަތަމަ ފަހަރެވެ.

ވޮލީ އެކެޑަމީ އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތިވެރިއަށް ނިސްބަތްވާ ޒޯރާގެ ފައުންޑަރު އާދަމް އަރީފާއި ރާއްޖޭގެ އަންހެން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ގައުމީ ވޮލީބޯޅަ ޓީމުގެ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރެވެ.

ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޒޯރާގެ ފައުންޑަރު އާދަމް އަރީފް ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާނެ ކުޅިވަރު ސާމާނުތަކާއި ކުދީންގެ ކުރިއެރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްގައިވެސް ފަސްނުޖެހި އެއްބާރުލުން ދޭނެ ކަމަށެވެ.

މާންސް ޖަމުއިއްޔާގެ ރައީސް އިސްމާޢީލް ނަސީމް ވިދާޅުވީ ރާއްޖޭގެ މަތީފަންތީގެ ކޯޗުންގެ ތަމްރީނުތަކާއެކު އެކެޑަމީގެ ކުދީންނަށް ރަނގަޅު މުސްތަގުބަލެއް ހޯދުމަށް މާންސްގެ ހުރިހާ މެމްބަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން އަބަދުވެސް ދީގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ތަފާތު އެކިއެކި ކަންކަމުގައި މާންސްގެ އިސްނެގުމާއެކު ހިންގަމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާންސް ސްޕޯޓްސް އެކެޑަމީގެ ދަށުން މިހާރުވެސް އެ ރަށުގައި ދަނީ ފުޓްބޯޅަ އެކެޑަމީއެއް ހިންގަމުންނެވެ. މި އަހަރުގެ ފެބުރުވަރީ މަހު މާންސް ސްޕޯޓްސް އެކަޑެމީ އިފްތިތާހު ކުރެވިފައިވަނީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގޯލްޑަން ކެޕްޓަން އައްސަދު އަބްދުލްޣަނީ އާއި ރާއްޖޭގެ އެންމެ ބާރު އެއް ދުވުންތެރިޔާ ހަސަން ސާއިދުގެ ބައިވެރިވުމާ އެކުގައެވެ.