ކުޅިވަރު

ޓީ20 ޕްރިމިއާ ލީގު: އޮއްފު އެފްސީ އާއި މާލޭ ސްޕޯޓްސްއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗުތައް އޮއްފު އެފްސީ އާއި މާލޭ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

ހުކުރު ދުވަހުގެ ހެނދުނު ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން އޮއްފު އެފްސީ މޮޅުވީ ވެސްޓް ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް ސުޕަ އޯވަރުގައި މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ގުރު ދިމާވުމުން އޮއްފު އެފްސީ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 137 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 47 ލަނޑު ހެދި ތައުސީފް ސަލީމާއި 25 ބޯޅައިން 27 ލަނޑު ހެދި އައްސަދު މުނީރެވެ.

ޖަވާބުގައި ވެސްޓް ސްޕޯޓްސް ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 137 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ބޯޅައިން 35 ލަނޑު ހެދި ތަރިންދު ވެސްޓާއި ނުބައިނުވެ 33 ލަނޑު ހެދި ކަސުން އެރާންގޭއެވެ.

މި މެޗުގައި ލަނޑުގެ ގޮތުން ދެ ޓީމު އެއްވަރުވުމުން ސުޕަ އޯވަރުގައި ވެސްޓް އެންމެ ފުރަތަމަ ކުޅެން އަރައި ހެދުނީ 11 ލަނޑެވެ. ޖަވާބުގައި އޮއްފު އެފްސީ ކުޅެން އަރައި ފަސް ބޯޅައިން ވަނީ 12 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގައި ހުކުރު ދުވަހުގެ މެންދުރުފަހު ކުޅުނު މެޗު ނިއު ސަޓާއާ ބައްދަލުކޮށް މާލޭ ސްޕޯޓްސްއިން ކާމިޔާބުކުރީ 93 ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން މާލޭ ސްޕޯޓްސް ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 170 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 90 ލަނޑު ހެދި މުޙައްމަދު ރިޝްވާނެވެ.

ޖަވާބުގައި ނިއު ސްޓާ ކުޅެން އަރައި 14 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 77 ލަނޑެވެ. މި އިނިންގްސްގައި ނިއު ސްޓާގެ އަމީން މިލޯން 18 ލަނޑު ހެދިއިރު، އެ ޓީމުގެ މާނޫ ގަނަސިންގް ވަނީ 16 ލަނޑު ހަދާފައެވެ.

މި މުބާރާތުގައި ހޮނިހިރު ދުވަހުވެސް ދެ މެޗު ކުޅޭއިރު، މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރަށްފަހު އެއްވަނައިގައި އޮންނަ ޓީމަކަށެވެ. އަދި މި މުބާރާތުން އެންމެ ގަދަ ހަތަރު ޓީމު ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެއެވެ.