ވިޔަފާރި

އެމް.ޓީ.ސީ.ސީން އިތުރު އަތޮޅުތަކަށް ފެރީގެ ޚިދުމަތް ދެއްވަނީ


އެމް.ޓީ.ސީ.ސީން މިހާރު ފެރީގެ ޚިދުމަތްދޭ ޒޯންތަކުގެ އިތުރަށް، އިތުރު ޒޯންތަކުގައި މި ޚިދުމަތްދިނުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.އެމް.ޓީ.ސީ.ސީން މިހާރު ފެރީގެ ޚިދުމަތްދެނީ މާލެ ސަރަޙައްދާއި، ޒޯން ތިނަކާއި، ޒޯން ފަހަކަށް ކަމަށެވެ. އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މިހާރު މަޝްވަރާކުރަމުން ގެންދަނީ ޒޯނު 1ގައި ހިމެނޭ ހ.އ، ހ.ދ، ށ އަތޮޅާއި، ޒޯން 2 ހިމެނޭ ނ، ރ، ބ، ޅ އަތޮޅާއި، ޒޯނު 6 ގައި ހިމެނޭ ގ.އ، ގ.ދ، އަތޮޅުގައި ފެރީގެ ޚިދުމަތް ދިނުމާ ބެހޭގޮތުންކަމަށެވެ.ޢަބްދުއްރައްޒާޤު ވިދާޅުވީ މިހާރު މިކަމާބެހޭ މަޝްވަރާތައް ސަރުކާރާއެކު ކުރިއަށްދާއިރު އެ ޒޯނުތަކުގައި ދަތުރުކުރާނެ ފެރީތަކާއި، އަގުތަކާ ބެހޭގޮތުންވެސް ގޮތްތަކެއް ނިންމަވަމުންދާކަމަށެވެ. އަދި ސަރުކާރުން މިކަމަށް ގޮތެއް ނިންމެވުމާއެކު ފެރީގެ ޚިދުމަތް ފަށާނެކަމަށް އެމް.ޓީ.ސީ.ސީގެ  ސީ.އީ.އޯ ވިދާޅުވިއެވެ.އެމްޓީސީސީން ބުނީ މި ޚިދުމަތް އަތޮޅުތަކަށް ދޭއިރު އަގުތައް ވީހާވެސް ހެޔޮކޮށް ފޯރުކޮށްދެވޭތޯ އެކުންފުނިން މަސައްކަތްކުރާނެކަމަށެވެ. އަދި މިއަހަރުތެރޭގައި ދަތުރުފަތުރާ ގުޅޭ ރަނގަޅު ބަދަލުތަކެއް ރައްޔިތުންނަށް ފެނިގެންދާނެކަމަށްވެސް އެމް.ޓީ.ސީ.ސީން ބުނެއެވެ.