ޚަބަރު

ކަލާޒް ޓީވީގެ "ސިރްފް ތުމް" ނިންމާލަނީ


މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ކަލާޒް ޓީވީން ދައްކަންފެށި ޑްރާމާ ސީރިޒް "ސިރްފް ތުމް" ނިންމާލަން ތައްޔާރުވެއްޖެއެވެ.

މި މަހު ކުރީކޮޅު ކަލާޒްގެ އޯޓީޓީ ޕްލެޓްފޯމް ކަމަށްވާ ވޫޓުން ސްޓްރީމް ކުރެވޭގޮތަށް ހަމަޖައްސާފައިވާ މި ޝޯވ ގެ ޝޫޓިން ހަފްތާއެއްގެ ފަހުން ނިންމާލާނެ ކަމަށާއި އެންމެފަހު އެޕިސޯޑު މި މަހުގެ 16 ވަނަ ދުވަހު ދައްކާފައިވާކަމަށްވެސް މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އީޝާ ސިންގް އާއި ވިވިއަން ޑްސެނާ ލީޑް ރޯލުން ފެނިގެންދާ މި ޝޯ ނިންމާލަން އުޅޭކަން ވިވިއަންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ އިތުރަށް ބުނީ ކޮންމެ ކަމަކީވެސް ނިމުމެއް އަންނާނެ ކަމެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައިވިސްނިފައި އޮތީ، ހުރިހާ ކަމެއްވެސް ހިނގަނީ އެބަޔަކު ބޭނުންވާ ގޮތަށް ނުވަތަ އުންމީދުކުރާ ގޮތަކަށް ނޫންކަން ކަމަށެވެ. އެންމެ ރަނގަޅު ތަޖުރިބާތަކަކީ މުސްތަގުބަލަށް ރަނގަޅު ފިލާވަޅުތަކެއް ދަސްކޮށްދޭ ތަޖުރިބާތަކެއް ކަމަށްވެސް ވިވިއަން ބުންޏެވެ.

މީގެއިތުން ޝޯވގައި އޭނަ ކުޅެފައިވާ ކެރެކްޓާ، ރަންވީރާއި ހާއްސަ ގުޅުމެއް ވާކަން އިހްސާސުވާކަމަށްވެސް ވިވިއަން ބުނެއެވެ. ލޯބީގެ ކަންތައްގަނޑަކާއި އާއިލީ މައްސަލަތަކެއްވެސް ދައްކާ "ސިރްފް ތުމް" އަކީ ރަޝްމީ ޝަރުމާ ޕްރޮޑިއުސްކޮށް ޕަންކަޖް ކުމާރު ޑައިރެކްޓުކުރި ޝޯއެކެވެ.

2021 ވަނަ އަހަރު ނޮވެމްބަރު 21 ވަނަ ދުވަހު ކަލާޒް ޓީވީން ދައްކަން ފެށި މި ޝޯވގައި ވިވިއަން ކުޅެނީ ރަންވީރު ކިޔާ ކެރެކްޓާއެއް ރޯލެވެ. އީޝާ ސިންގް ފެންނަނީ ސުހާނީ ޝަރުމާ ކިޔާ ކެރެކްޓާއެއް ރޯލުންނެވެ.