ޚަބަރު

އައިޔޫއެމްގެ ބައިނަލްއަޤުވާމީ ކޮންފަރެންސް މާދަމާ


ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ މަހާސިންތާ މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ. 2016ވަނަ އަހަރުން ފެށިގެން އައިޔޫއެމްއިން އަންނަނީ މިމަހާސިންތާ ބާއްވަމުންނެވެ.

ރާއްޖޭގައި ދިރާސީ ވެއްޓެއް ޤާއިމުކުރުމަށް އިސްލާމިކް ޔުނިވަރސިޓީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ އެންމެ މުހިއްމު މަސައްކަތަކީ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް"ގެ ނަމުގައި ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސެވެ. މިމަހާސިންތާގެ މައިގަނޑު މަޤުސަދަކީ ޢިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ހުށައަޅާ ކަރުދާސްތަކާއެކު ބާއްވާ މިކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އަދި 18 ދެދުވަހުގައެވެ. މިއަހަރުގެ މަހާސިންތާގައި ބޭރުގެ 12 ބޭފުޅަކާއި ރާއްޖޭގެ 218 ފަރާތެއް ބައިވެރިވާނެކަމަށް އައިޔޫއެމްއިން މަޢުލޫމާތުދެއްވައެވެ. މިމަހާސިންތާގައި މިއަހަރު 48 ކަރުދާސް ހުށައެޅުމަށްވަނީ ނިންމާފައެވެ.

މިއަހަރުގެ މަހާސިންތާގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި އެކި ޤައުމުތަކަށް ނިސްބަތްވާ 3 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާކަމަށް އައިޔޫއެމްއިން ވިދާޅުވެއެވެ. މައިގަނޑު 4 ދާއިރާއަކުން މިއަހަރު ކަރުދާސް ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި ސޯޝަލް ސައިންސާއި، އިންސާނުންނާއި ތަޢުލީމުގެ ދާއިރާއާއި ޤުރުއާނާއި ބެހޭ ޢިލްމާއި، ޝަރީޢާ އެންޑް ލޯއަށް ޚާއްސަ ދާއިރާއަކާއި ފަތުރުވެރިކަމާއި، ތިމާވެއްޓާއި ޓެކްނޮލޮޖީގެ ދާއިރާއާއި ހިންގުމުގެ ދާއިރާއާއި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އެކައުންޓިންގއާއި ބެންކިންގާއި ފައިނޭންސްގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން ކޯވިޑް-19ގެ ސަބަބުން ކޮށްފައިވާ އަސަރުތަކާއި ގުޅޭ ކަރުދާސް ހުށައެޅުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ.

އައިޔޫއެމްއިން 2016ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު މިމަހާސިންތާ ބާއްވަމުން އަންނައިރު މިއީ މިފަދަ 6 ވަނަ މަހާސިންތާއެވެ. މަހާސިންތާގެ ތާރީޚުގައި މިހާތަނަށްވަނީ އެކިދާއިރާތަކުން ދިރާސީ ހެކީގެ މައްޗަށް އެކުލެވޭ 264 ކަރުދާހެއް ހުށައަޅާފައެވެ. އެހެންކަމުން މިއީ މުހިއްމު އަދި ކާމިޔާބު މަސައްކަތެއްގެ ގޮތުގައި އައިޔޫއެމްއިން ފާހަގަކުރައްވައެވެ. މުޅި ދުނިޔެއަށް ކުރިމަތިވީ ކޯވިޑްގެ ސަބަބުން ފާއިތުވި ދެއަހަރު މަހާސިންތާ ކުރިއަށްގެންގޮސްފައިވަނީ ހައިބްރިޑްކޮށެވެ.