ކުޅިވަރު

ގައްބެގެ މިސްރާބު ފުވައްމުލަކަށް


ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރު ޖެހުމަށް ފަށާފައިވާ ތާރީޚީ ދަތުރުގައި އަބުދުލްޣަފޫރު އަލީ، ގައްބެ މިއަދު ފުވައްމުލަކަށްދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ގައްބެ މިހާރު ދަނީ ފުވައްމުލަކަށް ދަތުރުކުރަމުންނެވެ.މިއަދު ހެނދުނު ގދ.ވާދޫން ފުރައިގެން މިހާރު ފުވައްމުލަކަށް ދަތުރުކުރަމުންދާ ގައްބެއަށް ފުވައްމުލަކަށް ފޯރާނެކަމަށް ބެލެވެނީ ހަވީރު 4:00 ހާއިރުއެވެ. އޭނާ ކައިރިކުރާނީ ފުވައްމުލަކު ތުނޑިއަށްކަމަށް މައުލޫމާތުލިބެއެވެ. ފުވައްމުލަކު ހިތްގައިމު ތުނޑިން ގައްބެއަށް މަރުހަބާކިޔުމަށް އެރަށުގެ ރައްޔިތުން އަންނަނީ ތައްޔާރުވަމުންނެވެ.ފުވައްމުލަކުގައި މިރޭ މަޑުކުރުމަށްފަހު އަބުދުލްޣަފޫރު އަލީގެ ދެން އޮތް މަންޒިލަކަށްވާނީ އައްޑޫ ސިޓީއެވެ.މިއީ ވިޒިޓް މޯލްޑިވްސް އިޔަރ 2016 އާއިވެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އިވެންޓެކެވެ. އަދި މިދަތުރުގެ ތެރެއިން ރާއްޖޭގެ ޘަޤާފަތާއި، މަސައްކަތްތެރިކަމާއި ޤުދުރަތީ ރީތިކަންވެސް ދަނީ ދައްކާލަމުންނެވެ.