ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ ރިސޯޓު ލީގު 2022 ގެ ނޫނު ޒޯނުގެ ނޮކައުޓް ބުރުގެ މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލަށް މޫވެންޕިކް ރިސޯޓް ކުރެދިވަރާއި ޝެވަލް ބްލެންކް ރަންދެލި ދަތުރުކޮށްފިއެވެ.
މުބާރާތުގެ ނޮކައުޓް ބުރުގައި ވާދަކޮށްފައިވަނީ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލާއިގެން ކުރިޔަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ކޮންމެ ގްރޫޕެއްގެ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައެވެ.
ގްރޫޕް ބީގެ ދެވަނަ ހޯދި ޝެވަލް ބްލެންކް ރަންދެލި ސެމީފައިނަލަށް ދަތުރުކުރީ ނޮކައުޓު މެޗުގައި ގްރޫޕް އޭގެ ތިންވަނަ ސަން ސިޔާމް އިރުފުށި 3-0 އިން ބަލިކޮށްގެންނެވެ.
މެޗު ފަށައިގެން ވަރަށް ކުރީކޮޅު ޝެވަލް ބްލެންކް އިން ލީޑު ނެގިއެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސާޖިއު އެވެ.
މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޝާޑު މުހައްމަދު ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ޝެވަލް ބްލެންކްގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޝާޑު އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށެވެ.
ނޮކައުޓު ބުރުގައި ކުޅުނު މެޗު ގްރޫޕް ބީގެ ތިންވަނަ ހޯދި މޫވެންޕިކް ކާމިޔާބުކޮށްފައި ވަނީ ގްރޫޕް އޭގެ ދެވަނަ ހޯދި ސިޔާމް ވޯލްޑާއި ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގައި ފުރަތަމަ ފެނިގެންދިޔައީ ސިޔާމް ވޯލްޑުގެ ލަނޑެކެވެ. މިއީ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް މޫވެންޕިކްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މޫވެންޕިކްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އާޒިމެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް މޫވެންޕިކް ސެމީއަށް ގެންގޮސްދިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނާހިޒް އަހުމަދެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ހޯދި މުބާރާތް ބާއްވާ ސޮނޭވާ ޖާނީ އާއި ނޮކައުޓް މެޗު ކާމިޔާބުކުރި މޫވެންޕިކް ކުރެދިވަރެވެ. އަދި ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ހޯދި ވެލާ ޕްރައިވެޓް އައިލޭންޑާ ގްރޫޕު ބީގެ ދެވަނަ ހޯދި ޝެވަލް ބްލެންކް ރަންދެލި އެވެ.
މި މަހުގެ 11 އިން 19 ގެ ނިޔަލަށް ސޮނޭވާ ޖާނީގައި ކުރިޔަށްދާ މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހެވެ.
ރިސޯޓް ލީގުގައި މިހާތަނަށް ހަތަރު ޒޯނެއްގެ ކުޅުން ވަނީ ނިމިފައެވެ. އެގޮތުން މީގެ ކުރިން ދާލު އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ކަނޑިންމަ މޯލްޑިވްސްއިން ހޯދިއިރު، ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން ހޯދީ ކޮންރެޑް މޯލްޑިވްސްއެވެ. އަދި ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން އޯޒެން ރިޒާވް ބޮލިފުށިން ހޯދިއިރު، ނޯތު މާލެ ޒޯނުގެ ޗެމްޕިއަންކަން ހޯދީ ބަރޮސް މޯލްޑިވްސްއިންނެވެ.