ކުޅިވަރު

ފިއޮރެންޓީނާ އަތުން ބަޝަކްޝަހީރަށް މޮޅެއް


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ގްރޫޕް އޭގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު އިސްތަންބޫލް ބަޝަކްޝަހީރުން ކާމިޔާބުކޮށްފިއެވެ.

ބަސަކްޝަހީރުގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބު ކުރީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފިއޮރެންޓީނާއިންނެވެ. ނަމަވެސް އެޓީމަށް ބަސަކްޝަހީރުގެ ގޯލް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ބަސަކްޝަހީރަށް ޖަހާދިނީ ސަރދާރު ގަރލަރއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހާދީ ލީޑު ފުޅާކޮށްދިނީވެސް ގަރލަރއެވެ. މިމެޗްގައި ފިއޮރެންޓީނާއަށް އިތުރު މައްސަލަ ތަކާއި ކުރިމަތިވީ މެޗްގެ 76 ވަނަ މިނެޓްގައި އެޓީމްގެ ޖޮނަތަން އިކޯނޭއަށް ރަތް ކާޑު ދެއްކުމާއެކުއެވެ. އެހެންކަމުން މެޗްގެ ބާކީ ބައި އެޓީމް ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މިމެޗްގައި ބެސަކްޝަހިރުގެ ފަހު ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ޖަހާދިނީ ބެރޓްރަންޑް ޓްރައޯރޭއެވެ.

މިކާމިޔާބީއާއެކު ބެސަކްޝަހީރު މިވަނީ މިގްރޫޕް އޭ ގައި އެޓީމް ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައެވެ. އަދި ފޮއިރެންޓީނާ އުޅެނީ ދެމެޗުން ލިބިފައިވާ އެއް ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.