ޚަބަރު

މާފުށީ ޖަލުގައި ޤައިދީއަކު ނިޔާވެއްޖެ


މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވީ، ނިޔާވެފައިވަނީ މ. މުލި ހުދުފިނިފެންމާގޭ ޢުމުރުން 43 އަހަރުގެ މުޙައްމަދު ނަޝީދުކަމަށެވެ.

ކަރެކްޝަނަލަް ސާރވިސްއިން ވިދާޅުވީ މުޙައްމަދު ނަޝީދު ނޭވާ ނުލާތީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި ހުންނަ ބަންދުމީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައއިވާކަމަށެވެ. ސީޕީއާރަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ 17:26 ހާއިރު އޭނާ ނިޔާވިކަމަށް ކަނޑައަޅާފައިކަމަށް އެ ސާރވިސްއިން ވިދާޅުވިއެވެ.

މުޙައްމަދު ނަޝީދަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގެ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

މުޙައްމަދު ނަޝީދު ނިޔާވުމާ ގުޅިގެން ކަރެކްޝަނަލް ސާރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިކަމަށް އެ ސާރވިސްއިން ވިދާޅުވިއެވެ.