ޚަބަރު

ދާންދޫގެ ޒަމާންވީ ބަނދަރު މައްސަލައަށް ބޮޑު ހައްލެއް، މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށް


ގއ.ދާންދޫގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް އަންނަ ޖެނުއަރީމަހު ބޭނުންކުރެވޭވަރު ވާނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ކުރިއަށްގެންދާ މިމަސައްކަތުގެ މަސައްކަތް ނިމިގެންދާއިރު ދާންދޫގައި އޮންނާނީ ނިސްބަތުން ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ބަނދަރެވެ.

ގއ.ދާންދޫގައި މީގެކުރިންވެސްވަނީ ބަނދަރެއް ތަރައްޤީކޮށްފައެވެ. އެހެންނަމަވެސް އެބަނދަރުގެ ޑިޒައިން އޮތްގޮތުން ބަނދަރުގެ ދެ އަރިމަތި ބޭނުމެއް ނުކުރެވެއެވެ. މީގެ ސަބަބުން ބަނދަރުގެ ޖާގަ ކުޑަވެ އެކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުންނެވެ. މިމައްސަލަ ޙައްލުކޮށް ރައްޔިތުން އެދޭފަދައިން ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ސަރުކާރުން ޙަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މިމަޝްރޫޢުގެ މަސައްކަތްކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ދާންދޫ މިހާރުގެ ބަނދަރާއި އަލަށް ތަރައްޤީކުރާ ބަނދަރާއި ގުޅުވާލާނެކަމަށެވެ. އެގޮތުން މިހާރުގެ ބަނދަރު ފުންކޮށް ޓީޖެޓީއެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރުތަކަށް ބަލާއިރު ނިސްބަތުން ބޮޑު ބަނދަރެއްކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.

"މިމަސައްކަތް އެއްކޮށް ނިމިގެންދާއިރު 1500 ފޫޓުގެ ކީވޯލްއެއް މިތަނުގައި އޮންނާނެ. ވަރަށް ބޮޑު ބަނދަރެއް މިހެދެނީ. މުޅިން އެއްކޮށް ބްރޭކްވޯޓަރ ބަދަލުކޮށް އައު ބްރޭކްވޯޓަރއެއް މީގެ ދަށުން ލެވިގެންދާނެ." އާޒިމް ވިދާޅުވިއެވެ.

ދާންދޫއަށް ކުރިމަތިވެފައިވާ ބަނދަރުގެ ދަތިކަމާއި ގުޅޭގޮތުން އެރަށުގެ ކައުންސިލް ރައީސް މުޙައްމަދު އާސިފް ވިދާޅުވީ މިއީ ރައްޔިތުން ވަރަށް އިންޒާރުކުރަމުން އައި މަޝްރޫޢުއެއްކަމަށެވެ.

"ކުރިންވެސް ބަނދަރު އެބައޮވޭ، އެހެންނަމަވެސް ބަނދަރު އޮންނަގޮތުން ބަނދަރުގެ ދެއަރިމަތި ބޭނުމެއް ނުކުރެވޭ. މިކަމުގެ ޝަކުވާ ޢާއްމުންގެ ވަރަށް ބޮޑުވެފައި އޮތްވާ މިމަސައްކަތް އެމްޓީސީސީއިން ފަށާފައިމިވަނީ." އާސިފް ވިދާޅުވިއެވެ.

ދާންދޫގައި ތަރައްޤީކުރާ ޒަމާނީ ބަނދަރު މަޝްރޫޢާއެކު 81000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 333 މީޓަރުގެ ބޭރުތޮއްޓަކާއި 370 މީޓަރުގެ ރިވެޓްމަންޓަކާއި 529 މީޓަރުގެ ދިގު އެއްގަމު ތޮއްޓެއްލުމަށްވެސްވަނީ ހަމަޖެހިފައެވެ.