ޚަބަރު

ޓެކްނޮލޮޖީގެ އެންމެ ބޮޑު ފައިދާ ލިބުނީ ބްރޯޑްކާސްޓިންއަށް: ރައީސް


ޓެކްނޮލޮޖީ ގެނެސްދިން ތަރައްގީގެ، އެންމެ ބޮޑު ފައިދާ ލިބުނީ ބްރޯޑްކާސްޓިންގ ދާއިރާއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބްރޯޑްކާސްޓިންގ ދާއިރާއަށް ހާއްސަކޮށްގެން ބޭއްވި ފުރަތަމަ ބްރޯޑްކާސްޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބްރޯޑްކާސްޓިންގއަކީ، ހަގީގަތުގައި އިންސާނުންގެ ބަހުރުވައާއި ބަސްމޮށުންތެރިކަމާއި ގުޅިފައިވާ އެއްޗެއް ކަމަށެވެ.

ބޮޑު ހަނގުރާމައިން މިސާލު ނަންގަވައި އެމަނިކުފާނު ވިދާޅުވީ އެ ހަނގުރާމައިން، އިނގިރޭސިން މޮޅުވުމަށް ބޭނުންކުރި އެންމެ ވަރުގަދަ، އެއް ހަތިޔާރަކީ ރޭޑިޔޯ ކަމަށެވެ. އެއީ މި ދާއިރާގެ މުހިންމު ކަމާއި، ފައިދާތައް ދައްކުވައިދިން ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއަށްފަހު ދޭއް، ތިނެއްގައިވެސް، މިސާލު ދެއްކެން އޮތީ، ހަނގުރާމައިން. ވިއެޓްނާމް ހަނގުރާމަޔަށް ބޭނުންކުރެވުނު އެއް ވަނަމަކީ، 'ޓެލެވިޒަން ވޯ،' ނުވަތަ 'ޓީ.ވީ. ހަނގުރާމަ.' އެއަށްފަހު ފެނުނީ، ގަލްފް ހަނގުރާމަ. ހަނގުރާމަ ފެށުމަށް ޞައްދާމް ޙުސައިން، ޢިރާޤުގެ ފައުޖްތަކާ މުޚާތަބު ކުރެއްވީވެސް، ރޭޑިޔޯއާއި ޓީ.ވީ. މެދުވެރިކޮށް." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު.

ޒަމާނާއެކު ބްރޯޑްކާސްޓިންގގެ ދާއިރާއަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސް ތަރައްގީވެފައިވާކަން ފާހަގަކުރައްވައި، ވިދާޅުވީ ޓެކްނޮލޮޖީ ގެނެސްދިން ތަރައްގީގެ، އެންމެ ބޮޑު ފައިދާ ލިބުނީ ބްރޯޑްކާސްޓިންގއަށް ކަމަށެވެ. އެގޮތުން ރޭޑިޔޯއާއި ޓީ.ވީ.އިން، އިންޓަރނެޓުން، ވެބްސައިޓާއި ބްލޮގްތައް، އަދި އޭގެފަހުން ޕޮޑްކާސްޓްގެ ޒަރިއްޔާއިން، މިހާރު ކޮންމެ މީހަކީވެސް ޚަބަރު ފަތުރާ މީހެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ބްރޯޑްކާސްޓިންގ ފެށި އެތައް ދުވަހެއްވެފައިވީ ނަމަވެސް ދުނިޔެއަށް ރާއްޖެ ހުޅުވި، އިންތިޒާމް ވެފައިވާ، ބައިނަލްއަގްވާމީ ގުޅުންތައް، ދުނިޔެއާއި ރާއްޖެއާ ދެމެދު ހިނގާން ފެށީ ވަރަށްފަހުން ކަމަށެވެ.

"މި ދެންނެވީ ބްރޯޑްކާސްޓިންގގެ، މުހިއްމު އެއް ދާއިރާ ކަމުގައިވާ، ނޫސްވެރިކަމުގެ މިނިވަންކަން. ދިވެހިންގެ ޚިޔާލާއި، ފިކުރާއި، ޝުޢޫރު އަބަދުވެސް ހިނގި. އެހެންނަމަވެސް، އެކަން ހިނގީ، އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި. ކުރެހުންތެރިއެއް، ޅެންވެރިއެއް، ނުވަތަ ލިއުންތެރިޔަކު ވިޔަސް، ދުއްވަންޏާ ދުއްވަންޖެހެނީ އެއްކޮޅަށް. އެއީ މި ދެންނެވި މަގުގައި ތީރުޖަހައި ދައްކާފައި އޮންނަ ކޮޅު." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ބްރޯޑްކާސްޓިންގ ދާއިރާއަށް އައި ހެޔޮ ބަދަލުތައް އައިސް ކުރިއަރައިގެން ދިޔައީ، އެތައް ބަޔަކުވީ ގުރުބާނީއާއި ކުރި މަސައްކަތުގެ ނަތީޖާގެ ގޮތުން ކަމަށެވެ.