ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި އާރްބީ ލައިޕްޒީގާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. ނަމަވެސް މިއާއެކުވެސް މެޗްގެ 80 މިނެޓާއި ޖެހެންދެން ލިޕްޒިގުންވަނީ ރެއާލްއަށް ލަނޑެއް ކާމިޔާބު ކުރެވުނު ނުދީ ހިފަހައްޓާލާފައެވެ. އަދި ލިޕްޒިގަށް މިމެޗްގައި ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެންގޮސްފައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް ހިފެގޮތެއް ނުވިއެވެ. މިމެޗްގައި ރެއާލްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދީ މެޗްގެ ލީޑު ނަގާދިނީ ފެޑެރީކޯ ވަލްވަރޑޭއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ މާކޯ އަސެންސިއޯއެވެ.
މިކާމިޔާބީއާއެކު ރެއާލް މިހާރު އުޅެނީ މިފަހަރުގެ މުބާރާތުގައި ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް ގްރޫޕް އެފްގެ އެއްވަނައިގައެވެ. މިއީ 2017-2018 ވަނަ އަހަރުގެ ސީޒަނަށްފަހު ގްރޫޕް މަރުހަލާގެ ފުރަތަމަ ދެމެޗް ރެއާލް އަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިކާމިޔާބީއާއެކު ރެއާލްގެ ކޯޗް ކާލޯ އެންޗެލޯޓީ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި 100 މެޗުން މޮޅުވި ދެވަނަ ކޯޗަށް ވެގެން ގޮސްފައެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗް ކާމިޔާބު ކުރި ކޯޗަކަށް އަދި އުޅެނީ 102 މެޗް ކާމިޔާބު ކޮށްފައިވާ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗް ސަރ އެލެކްސް ފަރގަސެންއެވެ. ލިޕްޒިގް އުޅެނީ ކުޅުނު ދެމެޗުންވެސް ބަލިވެ ގްރޫޕްގެ އެންމެ ފުލުގައެވެ. މިގްރޫޕްގައި ޝަކްޓަރ ޑޮނެސްކް އާއި ސެލްޓިކް ބައްދަލުކުރިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.