ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ނާޕޮލީން ކާމިޔާބުކޮށްފިއެވެ.
ރޭންޖަރސްގެ ދަނޑުގައި ކުޅުނު މިމެޗް ނަޕޯލީ ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއެވެ. އަދި މިމެޗްގައި ރޭންޖަރސްއިން ދައްކަމުންދިޔަ ކުޅުމުގެ ސަބަބުން ނަޕޯލީއަށް ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.
މިމެޗްގެ އޮއެވަރު ބަދަލުވެގެންދިޔައީ މެޗްގެ 55 ވަނަ މިނެޓްގައި ރޭންޖަރސްގެ ޖޭމްސް ސޭންޑްސް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ދެވަނަ ރީނޑޫ ކާޑާއެކު ރަތްކާޑު ދެއްކުމާއެކުއެވެ. މިފައުލާއި ގުލިގެން ލިބިގެންދިޔަ ޕެނަލްޓީ ދެފަހަރު މަތިން ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ނަމަވެސް ރޭންޖަރސްގެ ކީޕަރ އެލެން މެކްގްރެގަރވަނީ ދެފަހަރުވެސް ޕެނަލްޓީ މަތަކޮށްފައެވެ. މިމެޗްގައި ނަޕޯލީއިން ލިޑު ނެގީ މްޗެގެ 68 ވަނަ މިނެޓްގައި އެޓީމަށް ލިބިގެންދިޔަ ދެވަނަ ޕެނަލްޓީއިންނެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މަޓެއޯ ޕޮލިޓާނޯއެވެ. މިމެޗްގައި ނަޕޯލީގެ ދެވަނަ ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހާދިނީ ޖިއާންކޯމޯ ރަސްޕަޑޯރީއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ޓަންގައި އެންޑޮމްބެލޭއެވެ. މިމެޗްގައި ރަތް ކާޑު ދެއްކުމުގެ ކުރިން ރޭންޖަރސްއިން ވަނީ ދޭތެރެ ދޭތެރެއިން ނަޕޯލީގެ ގޯލަށް ނުރައްކާކޮށްފައެވެ.
މިކާމިޔާބީއާއެކު ނަޕޯލީ މިހާރު އުޅެނީ ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް ގްރޫޕް އޭގެ އެއްވަނައިގައެވެ. މިގްރޫޕްގެ ދެވަނައިގާ ލިވަޕޫލް ތިން ޕޮއިންޓާއެކު އުޅޭއިރު ތިންވަނައިގާ އަޔެކްސް އެމްސްޓަޑަމްވެސް އޮތީ ތިން ޕޮއިންޓާއެކުއެވެ. އަދި ރޭންޖަރސް އުޅެނީ ކުޅުނު ދެމެޗުންވެސް ބަލިވެ ގްރޫޕްގެ އެންމެ ފުލުގައެވެ.