ޚަބަރު

މަދޫރީގެ ކުރިއަށް އޮތް ފިލްމުގެ ޕޯސްޓަރު ދައްކައިލައިފި


ބެލުންތެރިންނަށް ރީތި އެތައް ފިލްމެއް ގެނެސްދީފައިވާ ބޮލީވުޑް ބަތަލާ މަދޫރީ ޑިކްސިޓްގެ ކުރިއަށް އޮތް ފިލްމު "މަޖާ މާ" ގެ ޕޯސްޓަރު ދައްކާލައިފިއެވެ.

އަންނަ މަހުގެ 6 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމާފައިވާ މި ފިލްމަކީ ސުމިތު ބަތޭޖާގެ ސްކްރީންޕްލޭއަކަށް އާނަންދު ތިވާރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފެމިލީ ކޮމެޑީގެ ކާސްޓްގައި ގަޖްރާޖް ރާއޯ، ރިތުވިކް ބޯމިކް، ބަރްކާ ސިންގް، ސުރިޝްތީ ސްރިވަސްތާވް، ޝީބާ ޗައްޑާ، ރަޖިތު ކަޕޫރް އަދި ސިމޯން ސިންގް ހިމެނެއެވެ.


"މަޖާ މާ" ގައި ދައްކާނީ ފިރިހެން ދަރިއެއްގެ ކައިވެންޏަށް މަންމަޔަކު ވަމުން އައި ތައްޔާރީތަކާއި އެކަމާ ގުޅިގެން ހިނގާ ކަންތައްތަކެވެ.

އަމްރިތްޕާލް ސިންގް ބިންދްރާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ޕްރައިމް އިން ދެއްކި ކާމިޔާބު ރޮމޭންޓިކް ޑްރާމާ ސީރީޒް "ބޭންޑިޝް ބޭންޑިތް" އަށްފަހު ޕްރައިމް ވީޑިއޯއާއިއެކު ސިންގް މަސައްކަތްކުރާ ދެވަނަ ފަހަރެވެ.

މަދޫރީ އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސް މި އަހަރުގެ ކުރީކޮޅު ޕްރީމިއާކުރި ވެބް ސީރީޒް "ދަ ފޭމް ގޭމް" އިންނެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނަށްފަހު ދެ ވަނަ ސީޒަން ނުހަދާން ނެޓްފްލިކްސް އިން މިހާރު ވަނީ ނިންމާފައެވެ.