ޚަބަރު

އެމީ އެވޯޑް ދެފަހަރަށް ކާމިޔާބުކުރި އެންމެ ޒުވާން ބަޠަލާއަކަށް ޒެންޑެޔާ


ޓީވީ ޝޯތަކަށް ލިބޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ޕްރައިމް ޓައިމް އެމީގެ އެންމެ މޮޅު ބަތަލާގެ އެވޯޑު "ޔޫފޯރިއާ" ގެ ތަރި ޒެންޑާޔާ އަށް ލިބިއްޖެއެވެ.

މިއީ ޒެންޑާޔާ މިއެވޯޑު ގެންދާ ދެ ވަނަ ފަހަރެވެ. 2020 ވަނަ އަހަރުގެ އެމީގެ މި އެވޯޑުވެސް ލިބުނީ ޒެންޑާޔާއަށެވެ.

މި އެވޯޑާއިއެކު އުމުރުން 26 އަހަރުގެ ޒެންޑާޔާ ވެގެން ގޮސްފައި މިވަނީ ޑްރާމާ ސީރީޒަކުން އެންމެ މޮޅު ބަތަލާގެ އެވޯޑު ދެފަހަރަށް ގެންދިޔަ ފުރަތަމަ ކަޅޫ ނަސްލުގެ ތަރިއަށްވެފައެވެ. އަދި އެ ކެޓަގަރީން އެވޯޑު ލިބުނު އެންމެ ހަގު ތަރިއަށްވެސް ޒެންޑާޔާ ވަނީ ވެފައެވެ.

"ޔޫފޯރިއާ" ގެ ދެވަނަ ސީޒަނުގައި ރޫ ބެނެޓްގެ ރޯލު އަލުން ކުޅެން ފެށުމުން ޒެންޑަޔާ އަށް ވަނީ ކްރިޓިކުންގެ ތައުރީފު ލިބިފައެވެ. އެވޯޑް ބަލައިގަތުމަށްފަހު ޒެންޑާޔާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

ޒެންޑާޔާއާއިއެކު މި އެވޯޑަށް ވާދަކޮށްފައިވަނީ "ޔެލޯޖެކެޓްސް" އިން މެލާނީ ލިންސްކީ ، "އޮޒާކް" އިން ލޯރާ ލިނީ ، "ދަ މޯނިންގް ޝޯ" އިން ރީސް ވިތަރސްޕޫން އަދި "ކިލިން އީވް" ގެ ދެތަރިން ކަމުގައިވާ ޖޯޑީ ކޮމަރ އާއި ސަންޑްރާ އޯއެވެ.

ޒެންޑަޔާގެ އިތުރުން އެނެމެ މޮޅު އެކްޓަރަކު އެވޯޑު "ސްކުއިޑް ގޭމްސް"ގެ ތަރި ލީ ޖަންގް ޖޭ އަށްވެސް ވަނީ ލިބިފައެވެ.

އެމީގެ އެންމެ މަގުބޫލު ޝޯވ ގެ ކެޓަގަރީގައި އެންމެ ގިނަ އެވޯޑާއިއެކު ކުރީގައި އުޅެނީ ކޮމެޑީ ޝޯ، "ޓެޑް ލެސޯ" އާއި "ވައިޓް ލޮޓަސް" އެވެ.