މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް"ގެ ގިނަ އެވޯޑްތަކެއް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއަށް ލިބިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވި "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" ދިނުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ އުފެއްދުންތަކަށް ޖުމްލަ 15 އެވޯޑެއް ވަނީ ލިބިފައެވެ.
"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް"އިން ޕީއެސްއެމްއަށް ލިބުނު އެވޯޑްތަކުގެ ތެރެއިންް ގިނަ އެވޯޑްތައް ލިބިފައިވަނީ ޕީއެސްއެމްގެ ޓެލެވިޜަން މޯލްޑިވްސްއިން އުފައްދާފައިވާ ޕްރޮގްރާމްތަކަށާއި ދިވެހި ރާއްޖޭގެ އަޑުން އުފައްދާ ގެނެސްދީފައިވާ ޕްރޮގްރާމްތަކަށެވެ. މީގެއިތުރުން އެންމެ މޮޅު ނިއުސް އެންކަރގެ އެވޯޑް ލިބިފައިވަނީ ޕީއެސްއެމް ނިއުސްގެ އެޑިޓަރ އަދި ޖަރނަލިސްޓް ޢަބްދުﷲ މުޢާޒްއަށެވެ. އަދި ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމްތައް ހުށައަޅައިދިން އައިމިނަތު ނަމްޒާއަށް އެންމެ މޮޅު ޕްރެޒެންޓަރުގެ އެވޯޑް ވަނީ ލިބިފައެވެ.
މި ރަސްމިއްޔާތުގައި ވަނީ ޖޫރީންގެ ހާއްސަ އެވޯޑެއްވެސް ދީފައެވެ. އެ އެވޯޑް ލިބިފައި ވަނީ ބެސްޓް އެވޯޑް ފޯ ޓެކްނިކަލް އެކްސެލެންސްގެ ދަށުން ޓީވީއެމުން ގެނެސްދީފައިވާ "ތޮއްޑޫ: ދަ އައިލެންޑް އޮފް ވޯޓާމެލަން" އަށެވެ. އަދި މޮސްޓް ޕްރޮމިސިން ޓީވީ ޕްރޮގްރާމު ޕްރެޒެންޓަރުގެ އެވޯޑް ލިބިފައިވަނީ ޝަމްރާ ޝަމީމް (ކުޑޫ) އަށެވެ.
- ޓެލެވިޒަން ބެސްޓް އެންޓަޓެއިންމެންޓް އެވޯޑް - މޯލްޑިވިއަން އައިޑޮލް (ޓެލެވިޜަން މޯލްޑިވްސް)
- ރޭޑިއޯ ބެސްޓް އެންޓަޓެއިންމެންޓް އެވޯޑް - ދިރިއުޅުން (ދިވެހިރާއްޖޭގެ އަޑު)
- ބެސްޓް ޑޮކިއުމަންޓްރީ ޕްރޮގްރާމު ޗެނަލް (ޓީވީ) - ތޮއްޑޫ: އައިލެންޑް އޮފް ވޯޓާމެލަން (ޓެލެވިޜަން މޯލްޑިވްސް)
- ބެސްޓް ޑޮކިއުމަންޓްރީ ޕްރޮގްރާމު ޗެނަލް (ރޭޑިއޯ) - ވެހި ދިވެހިން (ދިވެހިރާއްޖޭގެ އަޑު)
- ބެސްޓް އެންވަޔަރަމަންޓް ޕްރޮގްރާމު (ޓީވީ) - %99 (ޓީވީއެމް)
- މޮސްޓް ކްރިއޭޓިވް ޕްރޮގްރާމު (ޓީވީ) - ދިވެއްސަކު ދެކުނު އިންޑިއާގައި (ޓީވީއެމް)
- ޕްރޮގްރާމު އޮފް ދަ އިޔާ އޮން ސޯޝަލް އެވެއާނަސް (ޓީވީ) - އިހުސާސް (ޓީވީއެމް)
- ޕްރޮގްރާމު އޮފް ދަ އިޔާ އޮން ސޯޝަލް އެވެއާނަސް (ރޭޑިއޯ) - އަހަރެން (ދިވެހި އެފްއެމް)
- ބެސްޓް ޑޭޓައިމް ޕްރޮގްރާމު (ޓީވީ) - ހެނދުނު ހެނދުނާ (ޓީވީއެމް)
- ބެސްޓް ޑޭޓައިމް ޕްރޮގްރާމު (ރޭޑިއޯ) - ބާއްޖަވެރި ހެނދުނެއް (ދިވެހިރާއްޖޭގެ އަޑު)
- ބެސްޓް ޗިލްޑްރެންސް ޕްރޮގްރާމު (ޓީވީ) - ސްޕެލިން ބީ (ޓީވީއެމް)
- ބެސްޓް ޗިލްޑްރެންސް ޕްރޮގްރާމު (ރޭޑިއޯ) - އެބައުޅޭ އެބައުޅޭ (ދިވެހިރާއްޖޭގެ އަޑު)
- ބެސްޓް ރިލިޖިއަސް އެވެއާނަސް ޕްރޮގްރާމު (ޓީވީ) - ފިކުރާތު (ޓީވީއެމް)
- ބެސްޓް ރިލިޖިއަސް އެވެއާނަސް ޕްރޮގްރާމު (ރޭޑިއޯ) - އިލާހީ މުއުޖިޒާތް (ދިވެހިރާއްޖޭގެ އަޑު)
- ބެސްޓް ޕްރޮގްރާމު ޕްރެޒެންޓަރު (ޓީވީ) - އައިމިނަތު ނަމްޒާ
- ބެސްޓް ނިއުސް އެންކާ އޮފް ދަ އިޔާ (ޓީވީ) - އަބްދުﷲ މުއާޒް (ޕީއެސްއެމް ނިއުސް)
- ބެސްޓް ކަރަންޓް އެފެއާޒް ޕްރޮގްރާމު (ޓީވީ) - ސަންގު ބަހުސް (ސަންގު ޓީވީ)
މި އެވޯޑް ހަފްލާގައި ވަނީ ބްރޯޑްކާސްޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅުންގެ އަގު ވަޒަންކޮށް އެވޯޑް ދެއްވާފައެވެ.. އެ އެވޯޑް ލިބިފައި ވަނީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި ދިވެހިރާއްޖޭގެ އަޑަށް 32 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) އާއި ދިވެހިރާއްޖޭގެ އަޑަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވި ކުރީގެ މަޝްހޫރު ޕްރެޒެންޓަރ އަދި ޕްރޮޑިއުސަރ ޒާހިދާ އިބްރާހިމް (ޒާހިދާއްތަ) އަށެވެ.
އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގުވަޒަންކޮށް، އެ މީހުންނަށް އެވޯޑް ދޭ ސަބަބަކީ މިހާރުގެ ޖީލަށް އެއީ ހިތްވަރަކަށް ހަދައި ދާއިރާއަށް ޝައުގުވެރިކަން އުފެއްދުންކަމަށެވެ.
މަރިޔަމް ވަހީދާ ވިދާޅުވީ ޕްރޮގްރާމުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ، ބްރޯޑްކާސްޓަރުންގެ ފަރާތުން ލިބޭ ކަމަށާއި އެކަންކަން ކުރެވޭނީ ސްޕޮންސަރުންގެ އެހީއާއެކު ކަމަށެވެ. އެހެންކަމުން މީޑިއާތަކަށް ހަމަހަމަ ގޮތުގައި އެހީތެރިކަން ފޯރުކޮށްދޭން މަރިޔަމް ވަހީދާ އެދިވަޑައިގަތަވެ.
މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑަކީ ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.