ޚަބަރު

މިނިވަން ކޮށްފައިވާ ރަށްތަކަށް ޒެލެންސްކީ ވަޑައިގަންނަވައިފި


ފެބުރުވަރީ 24 ގައި ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން މިނިވަން ކޮށްފައިވާ ބައެއް ރަށްތަކަށް އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަޑައިގަންނަވައިފިއެވެ. ޒެލެންސްކީ ފުރަތަމަ ވެސް ވަޑައިގަންނަވާފައި ވަނީ، ޚާރްކިވްގެ ރަށެއް ކަމުގައިވާ އިޒްޔުމްއަށެވެ. ޚާރްކިވްއަކީ ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ސަރަޙައްދެކެވެ.

ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ އިރުމަތީގެ ޑޮންބާސް ސަރަޙައްދު އެއްކޮށް ހިފަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، ޔޫކްރެއިނުގެ ސިފައިން ވަނީ އެ ކަން ނާކާމިޔާބު ކޮށްލާފައެވެ. ޚާރްކިވްއަށް ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައި ވަނީ ހަނގުރާމައިގެ ކުރީ ކޮޅުގައެވެ. މި ހަނގުރާމައަށް ހަ މަސް ފުރި ހަތް މަހަށް އަޅާފައި ވާއިރު، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުގެ ސިފައިން ދަނީ ޚާއްޞަ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. އިޒްޔުމްއަށް ވަޑައިގެން އެ ތަނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައި ޒެލެންސްކީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

"އިޒްޔުމް މިނިވަން ކޮށް އެ ރަށުގައި މިހާރު ވިހުރެމުން އެ ދަނީ ނުލާއި ރީނދުލުގެ ދިދަ. ޔޫކްރެއިނުގެ ދިދަ. ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ހުރިހާ ސިޓީއެއް އަދި ރަށެއް މި ގޮތަށް މިނިވަން ކުރާނަން. އަހަރުމެން ހިނގަމުން މި ދަނީ ކާމިޔާބީގެ މަގުގައި،" އިޒްޔުމްގެ ރައްޔިތުންނާއި، އެ ރަށް މިނިވަން ކުރުމުގައި ހަރަކާތްތެރިވި ސިފައިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރުމަށް ޔޫކްރެއިނު ސިފައިން ހިންގަމުންދާ އޮޕަރޭޝަންގައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. އަދި، އެ ޤައުމުގެ އިރުއުތުރުގެ ސަރަޙައްދުތަކުގައިވާ ގިނަ އަދަދެއްގެ ސިޓީތަކާއި ރަށްތައް ވަނީ މިނިވަން ކޮށްފައެވެ. މީގެ އިތުރުން، އެ ޤައުމުގެ ދެކުނުގައިވާ ޚާރްސަންގެ ބައެއް ސަރަޙައްދުތައް ވެސް މިނިވަން ކުރެވިފައިވާ ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ.

ކްރައިމިޔާއަކީ 2014 ވަނަ އަހަރު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހިފި ސަރަޙައްދެކެވެ. ޒެލެންސްކީ ވިދާޅުވީ، ހަނގުރާމަ ހުއްޓައިލާނީ އެ ސަރަޙައްދު ވެސް މިނިވަން ކޮށްފައި ކަމުގައެވެ. ނަމަވެސް، ޚާރްކިވްގެ ސަރަޙައްދުތަކަށް ރަޝިޔާ ސިފައިން އަނެއްކާ ވެސް މި ވަނީ ވަރުގަދަ ހަމަލާތަކެއް އަމާޒު ކުރަން ފަށާފައެވެ.

ދެކުނުގައިވާ ޚާރްސަންގެ އިތުރުން ޒަޕަރޯޜިޔާގައި ހަރަކާތްތެރިވަމުން ދިޔަ ޔޫކްރެއިން ސިފައިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމުގައި ވެސް ރަޝިޔާއިން ބުނެއެވެ. "ޔޫކްރެއިނުގެ ސަބަބުން ރަޝިޔާއަށް އޮތް ނުރައްކަލަށް ބަދަލެއް ނާދޭ. ރަޝިޔާއަށް އޮތް ހުރިހާ ނުރައްކަލެއް ނައްތައިލުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ރަޝިޔާގެ ލީޑަރުން އަޅާނެ،" ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް ވިދާޅުވިއެވެ.

ޔޫކްރެއިން ސިފައިންނަށް ރަޝިޔާގެ ފައުޖުތަކުގެ މައްޗަށް ކުރިހޯދިފައި މި ވަނީ، ހުޅަނގުގެ އެހީތެރިކަމާ އެކު ކަމަށް ޤަބޫލު ކުރެވެއެވެ. އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދަނީ ޔޫކްރެއިނުގެ ސަރުކާރަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި، ބަރު ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން ޔޫކްރެއިނުގެ ސިފައިން ތަމްރީނު ކުރުމަށް ވެސް ހުޅަނގުން ދަނީ އެހީތެރިވަމުންނެވެ.

މީގެ އިތުރުން ހުޅަނގުން ވަނީ ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ގޮތުން ވަރުގަދަ ދަތި ކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. ވިލާތުގެ އިއްތިހާދުގެ ކޮމިޝަންގެ ރައީސް އުރްސުލާ ފޮންޑެ ލަޔަން ވިދާޅުވީ، ދަތި ކުރުމުގެ ފިޔަވަޅުތައް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމުގައެވެ. އަދި، މި ކަމުގައި ވިލާތުގެ ޤައުމުތަކުން ފަހަށް ނުޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"އަހަރުމެން މި ތިބީ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭ ގޮތަކަށް ނޫން. މިއީ، ހިތްވަރު ގަދަ ކުރަން ވީ ވަގުތު،" ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއްގައި ތަޤުރީރު ކުރައްވަމުން ފޮންޑެ ލަޔަން ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ޒެލެންސްކީގެ އަނބިކަނބަލުން އޮލޭނާ ޒެލެންސްކީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.