ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު ބޮޑުތަނުން މަދުވެފައިވާ ކަމަށާއި، މިއީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކޮވިޑްގެ ބަލިމަޑުކަމަށް ނިމުމެއް ގެންނަން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވެއްޖެއެވެ. މި ބަލީގައި އެތައް މިލިޔަން މީހުން މަރުވެފައި ވާއިރު، 2020 ވަނަ އަހަރުގެ މާރިޗު މަހަށް ފަހު ކޮވިޑްގެ ބަލި ފެތުރޭ މިންވަރު ފުރަތަމަ ފަހަރަށް މި ވަނީ ދަށްވެފައެވެ.
"ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިއަށްވުރެ ރަނގަޅު ވަގުތެއް ނެތް. ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި ފުރިހަމަ ކާމިޔާބީއެއް އަދި ނުލިބޭ. ނަމަވެސް، ކުރިމަގު ފެންނަނީ އަލިކޮށް،" ޓެޑްރޯސް ވިދާޅުވިއެވެ. "ދުވުންތެރިއެއްގެ މިސާލުން ދެކޭ ނަމަ، ރޭހުގެ ނިމޭ ރޮނގު މިހާރު އޮތީ ފެންނަން. މިއީ ހުއްޓައިލަން ވީ ވަގުތެއް ނޫން. މިއީ، އިތުރު ހިތްވަރަކާ އެކު ބާރަށް ދުވަންވީ ވަގުތު. ގަދައަޅައި އިތުރަށް މަސައްކަތް ކުރަންވީ ވަގުތު،" އޭނާ ވިދާޅުވިއެވެ.
ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައި، ބަލި ފެތުރުމަށް އިތުރު ފުރުޞަތު ދީފި ނަމަ، އައު ވޭރިއެންޓްތަކެއް އުފެދުމުގެ ފުރުޞަތު އޮންނާނެ ކަމުގައި ވެސް ޓެޑްރޯސް ވިދާޅުވިއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގައި އެހީތެރިވުމަށް ޑަބްލިޔު.އެޗް.އޯ.އިން ވަނީ ހަ ސިޔާސަތެއް ވެސް ޢާންމުކޮށްފައެވެ.
ބައްޔަށް ހުށަހެޅިފައިވާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން އެހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން އެ ޖަމުޢިއްޔާއިން ވަނީ ގޮވައިލާފައެވެ. "އެންމެން ގުޅިގެން އެއް އަޒުމެއްގައި މަސައްކަތް ކޮށްފި ނަމަ މި ބަލިމަޑުކަމުން އަރައިގަނެވޭނެ. މި ކަމަށް ބޭނުން ވަނީއެންމެންގެ އެއްބާރުލުން،" ޓެޑްރޯސް ވިދާޅުވިއެވެ.
ސެޕްޓެންބަރު މަހުގެ ފުރަތަމަ ހަފުތާގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، މި ބަލި ފެތުރޭ މިންވަރު ވަނީ 12 އިންސައްތަ ދަށްވެފައެވެ. އަދި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 4.2 މިލިޔަނަށް ދަށްވެފައެވެ. ނަމަވެސް، ޤައުމުތަކުގައި ބައްޔަށް ޓެސްޓުކުރާ މިންވަރު މަދުވުމުން، ބަލި ޖެހިފައިވާ މީހުންގެ ކަށަވަރު އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
2020 ވަނަ އަހަރުގެ ކުރީކޮޅު ފެތުރެން ފެށި މި ބަލީގެ 600 މިލިޔަނަށް ވުރެ ގިނަ ކޭސް ވަނީ ފެނިފައެވެ. އަދި، މި ބަލީގައި މަރުވި މީހުންގެ އަދަދު 6.4 މިލިޔަނަށް ވުރެ އިތުރުވާނެ ކަމަށް ޑަބްލިޔު.އެޗް.އޯ.އިން ބުނެއެވެ. މިއީ އެ ޖަމުޢިއްޔާގެ ރަސްމީ ތަފާސްހިސާބުތަކެވެ. ބަލި ޖެހުނު، އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ޞިއްޙީ ދާއިރާގެ މާހިރުން ޤަބޫލު ކުރެއެވެ.