ކުޅިވަރު

އޭދަފުށި އަތުން ގައުމީ ޓީމަށް މޮޅެއް


މި މަހު ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުލަބު އޭދަފުއްޓާ ދެކޮޅަށް ކުޅުނު މެޗުން ގައުމީ ފުޓްބޯޅަ ޓީމު މޮޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ހަވީރު ބ. އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ގައުމީ ޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ގައުމީ ޓީމުން ކާމިޔާބުކުރި ތިން ލަނޑުވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން ގައުމީ ޓީމުގެ ފުރަތަމަ ލަނޑަކީ އޭދަފުށީގެ ހުސެއިން ޝަރީފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެން މި މެޗުގައި ގައުމީ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ.

އޭދަފުއްޓާ ދެކޮޅަށް ގައުމީ ޓީމުން އެކުވެރިކަމުގެ މެޗެއް ކުޅުނުއިރު، މިއީ އޭދަފުށީ ޓާފް ދަނޑުގައި އެ ޓީމާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު ދެވަނަ މެޗެވެ. އެގޮތުން އޭދަފުށީ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން 2019 ވަނަ އަހަރުވެސް ވަނީ ގައުމީ ޓީމާއި ކުލަބު އޭދަފުއްޓާ ދެމެދު މެޗެއް ކުޅެފައެވެ.

ބުދަ ދުވަހު ކުޅުނު މެޗަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ ފަރިތަކުރުންތަކުގައި ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ގެންދިޔަ މަސައްކަތް މި މެޗުން ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށެވެ. އެގޮތުން މެޗުގައި ކޯޗު ބޭނުންވި ގޮތަށް ޕްރެސްކޮށްގެން ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމަށްވެސް ވަނީ ބުނެފައެވެ.

މި މަހު ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމުން އޭދަފުށީގައި މެޗެއް ކުޅުނުއިރު، އެ މެޗުތަކުގައި ރާއްޖެ ނުކުންނާނީ ލާއޮސް އާއި ބުރޫނާއީ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބުރޫނާއީގައެވެ.

މި މަހުގެ ފީފާ ދުވަސްތަކުގައި މެޗުތައް ކުޅޭތީ، މިއީ ފީފާ ރޭންކިންއަށް ވެސް ގުނާނެ މެޗުތަކެކެވެ. އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ރާއްޖެ އޮތީ 156 ވަނައިގައެވެ. އަދި ލާއޯސް 183 ވަނައިގައި އޮތްއިރު، ބްރޫނާއީ އޮތީ 190 ވަނައިގައެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަކަށް ރާއްޖޭން އެންމެ ފަހުން ނިކުމެފައިވަނީ މި އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ރާއްޖޭން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެއީ މި އަހަރު ކުރިއަށްދިޔަ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފަހުކޮޅުގައި ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި މޮރިއޭރޯގެ އިރުޝާދުގެ ދަށުން މިހާތަނަށް ވަނީ ބައިނަލްއަގުވާމީ ހަތް މެޗު ކުޅެފައެވެ. އޭގެ ތެރެއިން ދެ މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. އަދި އަނެއް ތިން މެޗުން ވަނީ ބަލިވެފައެވެ.