ޚަބަރު

ރާނީގެ ހަށިކޮޅު ލަންޑަނަށް ގެންގޮސްފި


އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ހަށިކޮޅު ލަންޑަނަށް ގެންގޮސްފިއެވެ. ރާނީ އަވަހާރަވީ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހު ސްކޮޓްލެންޑުގެ ބެލްމޯރަލް ގަނޑުވަރުގައެވެ. ރާނީގެ ހަށިކޮޅު މި ވަގުތު އޮތީ ބަކިންގްހެމް ގަނޑުވަރުގައެވެ. ގަނޑުވަރުން ރާނީގެ ހަށިކޮޅުގެ އިސްތިޤުބާލުގައި ރަސްގެފާނު ޗާލްސް ތިންވަނައާއި ޝާހީ ޢާއިލާގެ އެހެން މެންބަރުން ތިއްބެވިއެވެ.

އަރިހުގައި ރާނީގެ އެހެން ދަރިކަލުން ކަމުގައިވާ ޕްރިންސަސް އޭން، ޕްރިންސް އެންޑްރޫ އަދި ޕްރިންސް އެޑްވަރޑްގެ އިތުރުން ރަސްގެފާނުގެ ދެ ދަރިކަލުން ކަމުގައިވާ ވަލީއަޙުދު ވިލިޔަމްއާއި ހެރީ ވެސް ތިއްބެވިއެވެ. ރާނީގެ ހަށިކޮޅު ލަންޑަނުގެ އެއަރޕޯޓުން ބަކިންގްހެމް ގަނޑުވަރަށް ގެންދިޔަ މަގުތަކަށް އެތަކެއް ހާސް ބަޔަކު ވަނީ ޖަމާވެ، ރާނީގެ ހަށިކޮޅަށް އިޙުތިރާމު އަދާކޮށްފައެވެ.

ބެލްމޯރަލް ގަނޑުވަރުގައި ރާނީ އަވަހާރަވީ ވަގުތު، އަރިހުގައި ރަސްގެފާނު ޗާލްސްއާއި ދަރިކަނބަލުން ޕްރިންސަސް އޭން ތިއްބެވި ކަމުގައި ރިޕޯޓުތައް ބުނެއެވެ. ބެލްމޯރަލް ގަނޑުވަރުން ރާނީގެ ހަށިކޮޅު އެޑިންބަރާއަށް ގެންގޮސްފައި ވަނީ ސެޕްޓެންބަރު 11 ވަނަ ދުވަހުއެވެ. އަދި، އެ ދުވަހުގެ ރެއާއި ސެޕްޓެންބަރު 12 ވަނަ ދުވަހު އެޑިންބަރާގެ ރައްޔިތުންނަށް އެ ކަމަނާގެ ހަށިކޮޅަށް އިޙުތިރާމު އަދާ ކުރުމުގެ ފުރުޞަތު ލިބުނެވެ.

ރާނީގެ ހަށިކޮޅު ބާއްވާފައި އޮތީ ސެއިންޓް ޖައިލްސް ކެތީޑްރަލްގައެވެ. އެ ތަނަށް ރާނީގެ ހަށިކޮޅު ގެންދިޔައީ ބެރުދުންމާރި ތާޅަފިލީގައި ރަސްމީ ޢިއްޒަތުގައެވެ. އެ ރަސްމިއްޔާތުގައި ރަސްގެފާނު ޗާލްސް ތިންވަނައާއި، ރާނީގެ އެހެން ދަރިކަލުން ކަމުގައިވާ ޕްރިންސަސް އޭން، ޕްރިންސް އެންޑްރޫ އަދި ޕްރިންސް އެޑްވަރޑް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސެޕްޓެންބަރު 14 ވަނަ ދުވަހު ރާނީގެ ހަށިކޮޅު އިނގިރޭސި ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ވެސްޓްމިންސްޓަރ ހޯލަށް ގެންދެވޭނެއެވެ. އަދި، ރާނީގެ ހަށިކޮޅަށް އިޙުތިރާމު އަދާ ކުރުމުގެ ފުރުޞަތު ސެޕްޓެންބަރު 19 އާ ހަމައަށް ޢާންމުކޮށް ހުޅުވައިލެވިފައި އޮންނާނެއެވެ.
ރަސްމީ ޢިއްޒަތުގައި ރާނީ ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 19ގައެވެ.

ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައެވެ. މި ޖަނާޒާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި، ޓީވީގެ ޒަރީއާއިން ޖަނާޒާ ވަގުތުން ދުރަށް ފޮނުވާނެއެވެ.

ރާނީގެ ހަށިކޮޅު ފަސްދާނުލުމުގެ ރަސްމިއްޔާތު ކުރިއަށް ދާނީ ރާނީގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް ހަވަނައިގެ ހަނދާނުގައި ބިނާކޮށްފައިވާ ފައްޅީގައެވެ. އެ ތަނުގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނީ ޝާހީ ޢާއިލާގެ މެންބަރުން އެކަންޏެވެ.